އާންމުންގެ މެދުގައި މަގުބޫލް ސޯޝަލް ނެޓް ވޯޓް، ޓުވިޓާ ހިލޭ ބޭނުންކުރެވޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދު ޖަލީލު ވިދާޅުވީ ސީދާ ޓުވިޓާ އާއި ދިރާގާ ގުޅިގެން މިއަދުން ފެށިގެން މިއަންނަ ޖުލައި މަހުގެ 23ގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންއަކީ އެޕްލިކޭޝަނެއް މެދުވެރިކޮށް މުއާސަލާތީ ކުންފުއްޏާ ގުޅިގެން ޓުވިޓާ އިން ވެސް ފެށި ފުރަތަމަ ޕްރޮމޯޝަން ކަމަށާއި އެ ފުރުސަތު ދިރާގަށް ލިބުނީތީ ފަހުރުވެރިވާ ކަމަށެވެ.

އެ ޕްރޮމޯޝަންގެ ތަފްސީލު ދެއްވަމުން ދިރާގުގެ ޕްރޮޑެކްޓް ޑިވެލޮޕްމަންޓް އެގްޒެކްޓިވް އަހުމަދު އިޝާން ވިދާޅުވީ ދިރާގުގެ މޯބްއިލް އިންޓަނެޓް ބޭނުންކުރައްވާ ފަރާތްތަކުގެ ތެރެއިން އެންޑްރޮއިޑް ސުމާޓް ފޯން ބޭނުންކުރައްވާ ފަރާތްތަކަށް އެ ޕުލިކޭޝަން އާއި އެހެން ފޯންތަކުގައި ވެސް ކުރިއަށް އިތް ތިން މަހު ޓުވިޓާ ބުރޯޒާ ބޭނުންކުރެއްވުމުން ހިލޭ ޓުވީޓާ ބޭނުން ކުރެއްވޭނެ ކަމަށެވެ.

"މިޕުރޮމޯޝަންގައި ޓުވީޓް ކުރެއްވުމާއި ރީ ޓުވީޓް ކުރެއްވުމާއި ފެވަރިޓް ކުރެއްވުމާއި ޑައިރެކްޓް މެސެޖު ނުވަތަ ޑިއެމްއެމް ކުރެއްވުން ނުވަތަ ޓުވީޓް ކުރައްވާއިރުގައި ފޮޓޯއެއް ވެސް އެޓޭޗް ކޮށްފައި ޓުވީޓްކުރެއްވުން ވެސް، ޑޭޓާއެއް ނަންގަވާ އުޅުއްވި ބޭފުޅެއް ވިޔަސް ޑޭޓާ ޕެކޭޖަކުން ޗާޖެއްނުވާނެ. ނުވަތަ ޑޭޓާ ބެލެންސް ހުސްވެފައި ހުރި ނަމަވެސް އެއްވެސް ވަރަކަށް ޗާޖެއް ނުވާނެ،" އިޝާން ވިދާޅުވި އެވެ. "ހުރިހާ ސުމާޓް ފޯންތަކެއްގައި ވެސް އެ ފޯނެއްގެ ނޭޓިވް ބުރޯޒާ އިން ބޭނުންކުރެއްވޭނެ. އޮޕެރާ، އޮޕެރާ މިނީ ފަދަ ބުރޯޒާތައް ފިޔަވައި އޭގެ އިތުރުން ހާއްސަކޮށް އެންޑްރޮއިޑް ފޯންތަކަށް ޓުވިޓާ އިން މިވަނީ އެންޑްރޮއިޑްގައި ޓުވިޓާ އިން ބޭނުންކުރައްވާ އެ ޕުލިކޭޝަންގައި މި ޕުރޮމޯޝަންގެ ފައިދާ ލިބިވަޑައިގެންނަވާ ގޮތުގައި ހިލޭ ޓުވީޓް ކުރެއްވުން ރީ ޓުވީޓް ކުރެއްވުމުގެ ފުރުސަތު ދީފައި."

އޭނާ ވިދާޅުވީ އެ ޕުރޮމޯޝަންގައި ޓުވިޓާ ބޭނުންކުރެއްވުމުގައި ޗާޖްކުރާނީ އެހެން ބޭފުޅަކު އެޓޭޗްކޮށްފައި އިންނަ ޕޮޓޯއެއް ބެލުމަށް ނުވަތަ އެހެން ނެޓް ވޯކެއްގެ ލިންކަކަށް ކުލިކުކޮށްލުމުން އެކަނިކަމަށެވެ. އަދި ދިރާގުގެ މޯބައިލް އިންޓަނެޓް ކުރައްވާ ކޮންމެ ފަރާތަކަށް ވެސް އެ ފުރުސަތު ލިބިގެންދާނެ ކަމަށް އިޝާން ވިދާޅުވި އެވެ.