23 Apr 2013, 16:30
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒާ ދިމާއަށް "ބާޣީ ރިޔާޒު" އޭ ބުނުމުން އޭނާގެ އަބުރު ގެއްލުނުކަން ސާބިތުކޮށްދެވޭނެ ހެއްކެއް ނެތްކަމަށް ނަޝީދުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދު ރިޔާޒުއާ ދިމާއަށް "ބާޣީ ރިޔާޒު" އޭ ގޮވާފައި ވަނީ އެންމެ ދުވަހަކު ނޫންކަމަށާއި އެއީ ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އެމަނިކުފާނު ވިދާޅުވާ ވާހަކައެއް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އެގޮތަށް ވިދާޅުވުމުން އެއީ ރިޔާޒުގެ އަބުރު ގެއްލުނު ކަމެއްކަން ސާބިތުކޮށްދޭނެ ހެއްކެއް ޝަރީއަތަށް ހުށަހެޅިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބުރާ ބެހުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަޝީދުގެ ކިބައިން 3.7 މިލިއަން ރުފިޔާ ނަގައި ދިނުމަށް ރިޔާޒު އެދިވަޑައިގެންފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ހަސަން ލަތީފް ވިދާޅުވީ ގަވާއިދުގައި ބުނަނީ ގިނަވެގެން ބަދަލުގެ ގޮތުގައި ނަގައިދެވޭނީ 5000ރ. ކަމަށެވެ. އެހެންކަމުން އެފަދަ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވަނީ ކޮން އުސޫލަކުންކަން ސާފުވާން ޖެހޭ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
ހަސަން ލަތީފްގެ އެވާހަކަތަކާ ގުޅިގެން ރިޔާޒުގެ ގާނޫނީ ވަކީލު އަރީފް އަހްމަދު ނަސީމް ވިދާޅުވީ އަނބުރާ ބެހުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 5000ރ. އަށް ވުރެ ބޮޑު އަދަދެއް ނަގައިދިނުމަށް އެ ގަވާއިދު ހުރަސްނާޅާ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދުގެ ވާހަކަތަކުގެ ސަބަބުން ގޭގެ ސެކިއުރިޓީ ވަރުގަދަކުރަން ޖެހުނު ކަމަށާއި އަދި އާއިލާއަށް ގެއްލުން ދީފާނެ ކަމުގެ ބިރު އޮތްކަމަށް ދައުވާގައި ބުނެފައިވާއިރު އެކަންކަމުގެ ތަފްސީލުތައް ޝަރީއަތަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ނަޝީދުގެ ފަރާތުން ހުށަހެޅި ބަޔާނަށް ޖަވާބުދާރީވުމަށް ރިޔާޒުގެ ވަކީލަށް ފުރުސަތު ދެއްވުމަށް ފަހު އެވެ.