އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި، ބިލަކީ ރާއްޖެ އަށް އެތެރެކުރާ ބައެއް ބާވަތުގެ މުދަލުން ނަގާ އިމްޕޯޓް ޓެކްސް އިތުރުކުރުމަށް، ހުށަހަޅާފައިވާ ބިލެކެވެ.

ެއެ ބިލް މަޖިލީހަށް ބަލައިގެންފައި ވަނީ 26 ވޯޓުގެ އަޣުލަބިއްޔަތުންނެވެ. އެ ބިލާ ދެކޮޅަށް 25 މެންބަރުން ވޯޓު ދެއްވި އެވެ.

ސަރުކާރުގެ ފަރާތުން ބިލް ހުށަހަޅުއްވަމުން ރިޔާޒް ރަޝީދު ވިދާޅުވީ ބިލް ހުށަހެޅުމުގެ ބޭނުމަކީ ޑޮލަރުގެ އަގަށާއި ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން އިމްޕޯޓް މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލަށް ރިއާޔަތްކޮށް އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ ދަށުން ނަގާ އިމްޕޯޓް ޑިޔުޓީގެ މިންވަރުތަކަށް ބަދަލު ގެނައުމަށް ހުށަހެޅުއްވި ބިލެއް ކަމަށެވެ.

އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ހަވާދުލާފައި ނުވަތަ ތަފާތު ރަހަ ލައްވާފައި ހުންނަ ފޯއް، ސުޕާރީ އިން ކޮންމެ ތިން ގްރާމަކަށް އެއް ރުފިޔާ އަދި ބިޔަރުން ކޮންމެ ލީޓަރަކަށް 10ރ. އަދި ބަނގުރަލުގެ އެހެން ބާވަތްތަކުން ލީޓަރަކަށް 80ރ. އަދި ބޯފެނާއި ސޮފްޓް ޑްރިންކްސް އިން 15 ޕަސެންޓް ބޮޑު ކުރުމަށް ބިލްގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން އެނާޖީ ޑްރިންކުން 100 ޕަސެންޓް ބޮޑުކުރަން ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގާ މިންވަރު އެއް ރުފިޔާ އަށް ބޮޑުކޮށް ބިޑި، ސުއްޓާ، ސިގާސް، ޝެރޫޓް، ސިގަރިއްލޯސް އިން އެއްޗަކުން 1.20ރ. އަދި ސިނގިރެޓް ކަރުދާހުން 150 ޕަސެންޓް ޑިއުޓީގެ ގޮތުގައި ނަގަން ވަނީ ހުށަހަޅައިފަ އެވެ. ސިމެންތިން ނަގާ މިންވަރު ފަސް ޕަސެންޓަށް ބޮޑުކޮށް، ކުރިން ޑިއުޓީ ނުނަގާ ސެންޓުން 20 ޕަސެންޓްގެ ޑިއުޓީ ނަގަން ވެސް ހުށަހާފައިވެ އެވެ.