މަސްތުވާތަކެތީގެ "ބޮޑެއް" ކަމަށް ތުހުމަތުކުރެވި، ކުށްސާބިތު ނުވި ހ. ރީނދޫގޭ އާދަމް ނަސީރުގެ އަތުން ފުލުހުން އަތުލި ފައިސާ އަނބުރާ އޭނާ އަށް ދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އާދަމް ނަސީރު އަތުން އަތުލި ފައިސާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ވަނީ ލިބޭ ގޮތްނުވެފަ އެވެ.

އާދަމް ނަސީރުގެ ގެއިން އެންމެ ފުރަތަމަ ފުލުހުން އަތުލައިގަތް ހަ މިލިއަން ރުފިޔާ އަކީ ކުށުގެ ވެށިން ހޯދާފައިވާ ފައިސާތަކެއް ކަމަށް ބުނެ އެ ފައިސާ ދޫކުރަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ވަނީ މީގެ ކުރިން ހުކުމް ކޮށްފަ އެވެ. ނަމަވެސް އާދަމް ނަސީރުގެ ގެއިންނާއި އަންހެނުންގެ އަތްދަބަހުން ފަހުން އަތުލައިގަތް 36،200ރ. އާއި 86،000ރ. ހޯދުމަށް އޭނާ ވަނީ ދައުވާ ވެސްކޮށްފަ އެވެ.

ދައުލަތުން އާދަމް ނަސީރުގެ މައްޗަށް ކުރި، މަނާކޮށްފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އާއި ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ކޯޓުން ހުކުމް ކުރިއިރު، އައްޑޫގައި ހުންނަ އޭނާގެ އަންހެނުންގެ ގެއިންނާއި މާލޭގައި ހުންނަ އޭނާގެ ގެ، ހ. ރީނދޫގެ އިން ފެނިފައިވާ ގިނަ އަދަދެއްގެ ފައިސާތަކަކީ އޭނާ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާތަކެއްކަން ވެސް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.