23 Apr 2013, 15:54
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމްގެ އަތުން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ނަންގަވާފައިވާ 2.55 މިލިޔަން ރުފިޔާގެ ތެރެއިން ތަސްމީން ނުދައްކަވައި އޮތް 1.9 މިލިއަން ރުފިޔާ ދައްކަވަން ޖެހޭނެ ކަމަށް ހައިކޯޓުން ވެސް ހުކުމްކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް ހުކުމް ކުރީ ތަސްމީން ނުދައްކަވައި އޮތް 1.9 މިލިއަން ރުފިޔާ ނާޒިމަށް ދޭންޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަސްމީން އެ ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު މިއަދު އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ތަސްމީން ނުދައްކަވައި އޮތް 1.9 މިލިއަން ރުފިޔާ ދެއްކުމަށް ކޮށްފައިވާ ހުކުމަށް ބަދަލުގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ނަމަވެސް އެ ފައިސާ ހޯދުމުގެ މަސައްކަތަށް ވަކީލަށް ދައްކަން ޖެހޭ 100،000ރ. ހޯއްދެވުމަށް ނާޒިމް އެދިވަޑައިގަތުމުން ވަކީލުގެ ފީ އަށް 1،800ރ. ނަގައިދޭން ސިވިލް ކޯޓުން ކަނޑައެޅުމުގައި ގިޔާސްކޮށްފައިވާ ގޮތް ޝަރުއީ އަދި ގާނޫނީ އުސޫލަށް ނުފެތޭ ކަމަށް ކަނޑައަޅައި އެބައި ހައިކޯޓުން ވަނީ ބާތިލު ކޮށްފަ އެވެ.
ސިވިލް ކޯޓުގައި ނާޒިމްގެ ފަރާތުން ބުނެފައި ވަނީ ތަސްމީން ފައިސާ ނަގާފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ކަމަށާއި އެނޫން އެހެންގޮތަކަށް ފައިސާ ދައްކަން ޖެހޭ އެއްބަސްވުމެއް ވެފައި ނޯންނާނެ ކަމަށެވެ.
ނާޒިމްގެ އެ ވާހަކަތަށް ޝަރީއަތަށް ސާބިތުވާތީ ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ތަސްމީން ނުދައްކަވައި އޮތް 1.9 މިލިއަން ރުފިޔާ ހަ މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ 25 ނޮވެމްބަރު 2010ގެ ކުރިން އެ ފައިސާ ދެއްކުމަށް ތަސްމީނަށް ނާޒިމްގެ ފަރާތުން އެނގި ނަމަވެސް އެ ފައިސާ ދައްކާފައި ނުވާކަން ސާބިތުވާ ކަމަށެވެ.
ސިވިލް ކޯޓުން ކުރި ހުކުމް ތަސްމީން އިސްތިއުނާފު ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ.