ކީރިތި މާތް ރަސޫލާއަށާއި އިސްލާމީ އުއްމަތަށް ފުރައްސާރަކޮށް ނެދަލެންޑްސްގައި ފިލްމު އުފެއްދި ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ، އަރްނޫދް ވެން ދޫން އިސްލާމްވެއްޖެ ކަމަށް މީޑިޔާތަކުން ބުނެފިއެވެ.

އޮންލައިން ވެބްސައިޓެއްކަމަށްވާ "މޮރޮކޯ ވޯލްޑް ނިއުސް"ގައި ބުނެފައި ވަނީ "ޑަޗް ރައިޓް-ވިންގް ފްރީޑަމް ޕާޓީ"ގެ ކުރީގެ މެންބަރެއް ކަމަށްވާ، އަރްނޫދު މީގެ ދުވަސްކޮޅެއް ކުރިން އިސްލާމް ވުމަށްފަހު މަދީނާގައި ހުންނަ އަލްމަސްޖިދުއްނަބަވީއަށް ޒިޔާރަތްކޮށް އޭނާއަށް ޣައިރު މުސްލިމެއްގެ ގޮތުގައި ހުރެ ކުރެވުނު ނުބައި އަމަލުތަކުގެ މައްޗަށް ހިތާމަކޮށް ކަރުނަ އަޅާފައިވާކަމަށާއި އަދި އޭނާގެ އެނުބައި އަމަލުތަކުގެ ފާފަތައް ފުއްސަވައިދެއްވުން އެދި ﷲގެ ހަޒުރަތަށް ދުއާކޮށްފައިވާކަމަށެވެ.

"އަހަރެން ނިސްބަތްވި ޕާޓީއަކީ، އިސްލާމް ދީނާއި އަދި ރަސޫލާދެކެ އިންތިހާއަށް ނަފްރަތު ކުރާ ބަޔަކު ތިބި ޕާޓީއެއް" އަރްނޫދު ބުނިކަމަށް ސައޫދީ ނޫހެއްކަމަށްވާ އައުގާދުގައި ބުނެފައިވެއެވެ.

"އަހަރެންގެ ހިތުގައި އިސްލާމްދީނާ ދޭތެރޭގައި ޝައުގުވެރިކަން އުފެދުނީ، އިސްލާމްދީނާ ދެކޮޅަށް އުފެއްދި ފިލްމުގެ ސަބަބުން މުސްލިމުން އެކަމާ ދެކޮޅަށް ތެދެވުމުގެ ސަބަބުން. އަހަރެން ހިތަށްއެރި އެބައިމީހުން އެދީނަކާއި އަދި އެމީހަކަށް އެހާބޮޑު ލޯތްބެއް ދޭންޖެހުނު ސަބަބަކީ ކޮބައިތޯ ބަލާނަމޭ. އެހިސާބުން އަހަރެން އިސްލާމް ދީނާއި އަދި ރަސޫލާއާ ބެހޭގޮތުން ދިރާސާކޮށް ހޯދާން ފެށިން،" އަރުނޫދު ބުންޏެވެ.

"އިސްލާމް ދީނާ ބެހޭ ގޮތުން ރަނގަޅަށް ދިރާސާކޮށްލުމުން އަހަރެންގެ ހިތުގައި އެ މާތް އަދި އަމާން ދީނާ ބެހޭ ގޮތުން އުފެދިފައި އޮތް ނަފުރަތު އެއްކޮށް ބަދަލުވެއްޖެ. އެހިސާބުން އަހަރެން އިސްލާމްވީ،" އޭނާ ބުންޏެވެ.

މައްކާއަށާއި މަދީނާއަށް ކުރަމުން ގެންދާ ޒިޔާރަތުގައި އެތަނުގެ ބޮޑެތި ޝައިހުންނާއި ޢިލްމުވެރިންނާ ބައްދަލު ކޮށްފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އިސްލާމީ މުގައްދަސު ތަންތަނަށް ޒިޔާރަތްކޮށް މުސްލިމުންނާ ބައްދަލު ކުރުމަށް އޭނާވަނީ އަޒުމު ކަނޑައަޅާފައެވެ.

އަރްނޫދް ވެން ދޫން ބުނެފައިވަނީ މައްކާއަށް އުމްރާއަކަށް ދިއުމަށް ފަހު މިހާރު އޭނާގެ އެންމެ ބޮޑު މަސައްކަތަކަށްވާނީ "ކުރިން އިސްލާމްދީނާ ދޭތެރޭގައި މީހުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ކުރެވުނު މަސައްކަތްތައް ބަދަލުކޮށް" އިސްލާމްދީން ހިމާޔަތް ކުރުމާއި އެމާތް ދީނާމެދު އެހެން ދީންތަކުގެ މީހުން ދެކެމުން އަންނަ ނުރަނގަޅުގޮތް ބަދަލުކުރުން ކަމަށެވެ. އަދި އެކަމަށްޓަކައި އޭނާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އިސްލާމީ ރިވެތި ސިފަތަކާއި މާތް އާދަތައް ދަސްކުރާނޭ ކަމަށް އޭނާވަނީ ބުނެފައެވެ.