ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީގެ )ގެ ހަތަރު ވަނަ ގައުމީ ޖަލްސާ މިއަދު ފަށައިފި އެވެ.

މިއަދު މެންދުރު ފަހު ދަރުބާރުގޭގައި ޑީއާރުޕީގެ ގައުމީ ޖަލްސާ ފައްޓަވައި ދެއްވީ އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އެވެ. ޑީއާރުޕީގެ ގައުމީ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ތަސްމީން އަލީ ވިދާޅުވީ މި އަހަރުގެ ގައުމީ ޖަލްސާގެ ސަބަބުން އެ ޕާޓީގެ ހަރަކާތްތައް ކުރިއަށް ވުރެ ހަލުއިވާނެ ކަމަށެވެ. އަދި ގައުމީ ޖަލްސާއަކީ އުފެއްދުންތެރި އަދި ކާމިޔާބު ޖަލްސާއަކަށް ވެގެންދާނެ ކަމަށެވެ.

"ގައުމީ ޖަލްސާގެ ސަބުން ހަރަކާތައް އިތުރުވެގެންދާނެ. އަދި މި ގައުމީ ޖަލްސާއަކީ އުފެއްދުންތެރި ކާމިޔާބު ޖަލްސާއަކަށް ވެގެންދާނެ،" ތަސްމީނު ވިދާޅުވި އެވެ.

ޖަލްސާ ފެއްޓުމަށް ފަހު ވަނީ ޖަލްސާގެ ރިޔާސަތު ބަލައްހައްޓެއްވުމަށް ރައީސްގެ ގޮތުގައި ޑރ. އިބްރާހިމް ހަސަން އަދި ނައިބު ރައީސުން ގޮތުގައި ޑީއާރުޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، އަހްމަދު މުހައްމަދާއި މިޒްނާ ޝަރީފް ވަނީ ހޮއްވަވާފަ އެވެ.

ޖަލްސާ ފެއްޓުވުމަށް ފަހު ރިޔާސަތުން ވަނީ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހްތަކާ މެދު މަޝްވަރާ ކުރުމަށް ހުޅުވާލައިފަ އެވެ. އަސާސީ ގަވާއިދަށް މުޅި އެކު ނުވަ އިސްލާހެއް ހުށަހަޅާފައިވެ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޑީއާރުޕީ ގައުމީ ޖަލްސާގައި އެ ޕާޓީގެ ހުސްވެފައިވާ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމަށް މެންބަރުން އިންތިހާބުކުރާނެ އެވެ. އެކި ރަށްތަކުން މަންދޫބުން ބައިވެރިވާ އެ ޖަލްސާގައި ގާތްގަނޑަކަށް 700 މަންދޫބުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.