ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ހުށަހަޅި އިސްލާހް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލް ބަލައި ގަންނަން ނުފެންނަ ކަމަށް 30 މެންްބަރުން ވޯޓް ދެއްވާފައިވެ އެވެ. އެ ބިލް ބަލައިގަންނަން ފެންނަ ކަމަށް 12 މެންބަރުން ވޯޓް ދެއްވާފައިވެ އެވެ.

ކުރީގެ ރައީސުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ރިޔާޒް ރަޝީދު ހުށަހަޅާފައި ވަނީ މާއްދާއެއް އިތުރު ކުރުމަށަވެ.

ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހަކީ ރައީސްކަންކޮށްފައިވާ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ނުލިބޭނެ ހާލަތްތައް ކަނޑައެޅުމަށާއި ހިމާޔަތާއި ރައްކާތެރިކަމުން މަހުރޫމް ކުރެވޭނެ އުސޫލެއް ކަނޑައެޅުމަށާއި ޖިނާއީ ކުށަކާ ގުޅިގެން އިނާޔަތާއި ރައްކާތެރިކަން ނުދިނުމަށް އުސޫލްތަކެއް ކަނޑައެޅުމަށް ހުށަހެޅުއްވި އިސްލާހެކެވެ.

ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ކުރުމަށް ހިތްވަރުދީ އަދި ގާނޫނާއި ގަވާއިދާއި ހިލާފު އަމަލެއްކޮށްފި ފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ އެ މީހަކަށް ހިމާޔަތާއި ރައްކާތެރިކަން ނުލިބޭނެ އެވެ.

ބިލްގައިވާ ގޮތުން ދިވެހި ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ އަމަލެއް ކުރުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރު ދިނުން ނުވަތަ އެފަދަ އަމަލަކަށް ގޮވާލައިފި ނަމަ ވެސް އެ ބޭފުޅަކަށް ހިމާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެ އެވެ.

ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ރައީސުލްޖުމްހޫރީއްޔާގެ މަގާމު އަދާ ކުރި އިރު ކޮށްފައިވާ ހިޔާނާތެއްގެ ސަބަބުން ނުވަތަ ކޮރޮޕްޝަނެއްގެ އަމަލުން ޝަރުޢީ ހުކުމެއް އަތުވެއްޖެ ނަމަ އެފަދަ ހުކުމެއް އަންނަ ދުވަހުން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް އެއް ވެސް ހިމާޔަތަކާއި ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ.

އެ ބިލްގެ ބަހުސް މަރުހަލާގައި ބައެއް މެންބަރުން ވިދާޅުވީ އެ ބިލަކީ ގާނޫނު އަސާސީއާއި ހިލާފު ބިލެއް ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީގައި ކުރީގެ ރައީސުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭނެ ގޮތް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ އެ ބިލަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދަށް ހިމާޔަތް ދިނުމުގެ މަގުސަދުގައި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި އެ ބިލްގެ ބޭނުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިހާރު ދޭ ހިމާޔަތާއި ރައްކާތެރިކަން އުނިކުރުމަށް ހުށަހެޅި ބިލެއް ކަމަށެވެ.

ނަމަވެސް ރިޔާޒު ރަޝީދު ވިދާޅުވީ މިހާރު ރައީސްކަން ކުރައްވާ ބައެއް ބޭފުޅުންގެ އަމަލުތައް ހުންނަ ގޮތުން ދާއިމީކޮށް އިނާޔަތާއި ރައްކާތެރިކަން ދިނުން ދައުލަތަށް ލާޒިމު ނުވާނެ ކަމަށާއި އެފަދަ ކަން ކަމަށް އެފަދަ ބޭފުޅުން އަރައިގަންނަ ހާލަތްތަކުގައި އިނާޔަތް އުނިކުރަން ޖެހޭ ކަމަށެވެ.