އިންޑިއާ އިން ރާއްޖެ އަށް ކަނޑައެޅި އާ ހައިކޮމިޝަނަރު ރަޖީވް ޝަހަރޭ ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމާ ބައްދަލު ކުރައްވައިފި އެވެ.

މައުމޫންގެ އޮފީހުން މިއަދު ބުނީ ރަޖީވް ޝަހަރޭ މިއަދު ރައީސް މައުމޫންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް މައުމޫންގެ އޮފީހުގައި މިއަދު މެންދުރު ފަހު އޮތް އެ ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށެވެ. އަދި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ވެސް ޚިޔާލު ބަދަލު ކުރައްވައި މަޝްވަރާ ކުރެއްވި ކަމަށް ވެސް މައުމޫން އޮފީހުން ބުންޏެވެ. ނަމަވެސް އެ ވާހަކަ ތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

ރާޖީވް ޝަހާރޭ ހައިކޮމިޝަނަރުކަމުގެ މަގާމަށް އައްޔަން ކުރީ ކުރިން ރާއްޖޭގައި ހުންނެވި ހައިކޮމިޝަނަރު ޑީއެމް މުލޭގެ މަގާމުގެ ދައުރު މިދިޔަ އަހަރު ހަމަވެފައިވާތީ އެވެ.

ރާއްޖޭގައި ހުންނަވާ ހައިކޮމިޝަނަރުގެ މަގާމަށް ރާޖީވް ޝަހާރޭ އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ އިންޑިއާގެ އެކްސާޓަނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގަ އެވެ. އެމަގާމުގައި ހުންނެވި އިރު އޭނާއަކީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ހުޅަނގު އޭޝިއާއާ ބެހޭ ބައިގެ ވެރިއާ އެވެ.