މަސާޖުޕާލާ އަކަށް ވަދެ ވަޅިން ބިރުދައްކައި ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ގ. ކަންކެލި މުހައްމަދު ޝަމްއާން އިބްރާހީމް ޚާލިދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ތިން ދައުވާ އެއް ވަނީ އުފުލައިފަ އެވެ. އެއީ މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އާއި ފޭރުގެ ކުށުގެ ދައުވާގެ އިތުރުން ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރި، މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ގ. ލާމިޔާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ "އަސްޕަރަކަސް ބިއުޓީކެއާ" އަށް އިތުރު ބަޔަކާ އެކު ވަދެ އެ ވަގުތު އެތަނުގައި ތިބި މީހުންގެ ތެރެއިން ސ. މަރަދޫ އެވާބްލޫ މުހައްމަދު ނާފިއުއަށް ވަޅިން ބިރުދެއްކުމަށް ފަހު އޭނާގެ ފޯނާއި ވޮލެޓް ދިނުމަށް އެންގި ކަމަށެވެ.

އަދި އޭނާ ވޮލެޓާއި ފޯނު ދިނުމަށް އިންކާރުކުރުމުން އޭނާގެ ފަޔަށް ވަޅިހަރައި ޒަޚަމް ކޮށްލާފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެ އެވެ.

ޝަމްއާންގެ މައްޗަށް ފޭރުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ އެ މަސާޖުޕާލާ ތެރެއިން ދެ މޯބައިލް ފޯނާއި ލެޕްޓޮޕަކާއި ޕެންޑްރައިވެއްގެ އިތުރުން 5000ރ. އާއި 200 ޑޮލަރާއި އެކު ވޮލެޓެއް ފޭރިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ޝަމްއާންގެ މައްޗަށް ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ އެ މަސާޖު ޕާލާގެ ތެރޭގައި ހުރި ތައިލޭންޑްގެ އަންހެނަކަށް ވަޅިން ބިރުދެއްކުމަށް ފަހު އޭނާއާ މެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ހުރިހާ ދައުވާތަކަށް އިންކާރު ކުރުމަށް ފަހު ގާނޫނީ ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ބުނެފައިވާތީ ކޯޓުން އެ ފުރުސަތު ދީފައިވާ ކަމަށެވެ.