އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށިއިރު އަމަލުކުރަމުން އައި ބައެއް ގަވާއިދުތަކާ ގުޅޭ ގާނޫނުތައް ހެދެން ދެން، އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް އެކުލަވާލި އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ މުއްދަތު އެއް އަހަރަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާންމު ގަވާއިދުތަކާ ބެހޭ ގާނޫގެ މުއްދަތު އިރު ކުރުމަށް ފާސްވެފައި ވަނީ 52 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އާންމު ގަވާއިދުތަކާ ބެހޭ ގާނޫނަކީ ގާނޫނަކުން ގަވާއިދު ހެދުމުގެ ބޭރު ލިބިގެން ނޫން ގޮތަކަށް ހަދާފައިވާ ގަވާއިދުތަކުގެ ތެރެއިން ދައުލަތުގެ ހިންގުމުގެ ނިޒާމް ކުރިއަށް ގެންދިއުމަށާއި އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމަށާއި ގާނޫނު ތަންފީޒު ކުރުމުގެ މުހިއްމު ގަވާއިދު ކަނޑައަޅައި އެ ގަވާއިދުތައް ހިންގުމަށް ވަގުތީ ގޮތުން ބާރު ލިބިދިނުމަށް ޓަކައި އެކަށައަޅާފައިވާ ގާނޫނެކެވެ.

މަޖިލީހުގެ ތަޅުމަށް ކޮމެޓީގެ ރިޕޯޓް ހުށަހަޅުއްވަމުން ގަވާއިދު ކޮމެޓީގެ މުގައްރިރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު ވިދާޅުވީ އާންމު ގަވާއިދުގެތަކުގެ ގާނޫނަށް އަމަލު ކުރުމުގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކުރުމަށް ކޮމެޓީން ނިންމީ މިހާރު އެ ގާނޫނުގެ ދަށުން ގާނޫނީ ބާރު ލިބިދީފައިވާ ގިނަ ގަވާއިދުތަކަކީ އެ ގަވާއިދުތަކާ ބެހޭ ބިލްތައް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބަހުސް މަރުހަލާ ނިމި އަދި ކޮމެޓީ މަރުހަލާ ވެސް ނިމުމުގެ ހިސާބުގައިވާ ބިލްތައް ކަމަށެވެ. އެހެން ކަމުން އާންމު ގަވާއިދުތަކުގެ ގާނޫނުގެ ދަށުން ބާރު ދީފައިވާ ގަވާއިދުތަކުގެ ގާނޫނު އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ކޮމެޓީން ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ގާނޫނުގެ ދަށުން މިހާރު އަމަލު ކުރަމުންދާ ގަވާއިދުތަކަކީ ޖިނާއީ އިޖުރާއަތުގެ ގަވާއިދާއި ޝަރީއަތް ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދާއި ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެވެ. މީގެ އިތުރުން ވެސް ޖިނާއީ އަދުގެ ނިޒާމާއި ސިއްހީ ދާއިރާއާއި ގުޅުން ހުރި މުހިންމު ގަވާއިދު ތަކެއްވެ އެވެ.

ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު ބިޝާމް ވިދާޅެފައި ވަނީ އާންމު ގަވާއިދުތުތަކުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގާނޫނުތައް ޑްރާފްޓު ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.