ހިލަޔާއި ހިލަވެލި ގެނެވޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށާއި ނަމަވެސް އެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ސަން އޮންލައިނަށް ވިދާޅުވީ ޕާކިސްތާނުންނާއި މެލޭޝިއާ އިން ހިލަޔާއި ހިލަވެލި ގެނެސްގެން ވިއްކަން ބަލާއިރު އަގު ބޮޑުވުމުން އެ ކުންފުނިން މަސައްކަތް ކުރަނީ ސުރީ ލަންކާ އިން ހިލަޔާއި ހިލަވެލި ގެނައުމަށް ކަމަށާއި ނަމަވެސް ލަންކާގެ ސަރުކާރުގެ ފަރާތުން އެކަމަށް ބޭނުންވާ ހުއްދަ ނުލިބޭތީ ހިލަޔާއި ހިލަވެލި ގެނެވޭނެ ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށެވެ.

"އަދިވެސް ލަންކާގެ ގަވާމެންޓް ހުއްދައެއް ނުލިބޭ، ވަކި އެއްޗެއް އަންގާނެ ކަމަށް ބުނެފައި ވަނީ ނަމަވެސް އަދި އެއްވެސް ހަބަރެއް ނުވޭ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިހާރު އެ ކުންފުނީގެ ސުޓޮކުން ހިލަޔާއި ހިލަވެލި ހުސްވެފައިވާ އިރު ހިލަ ޔާއި ހިލަވެލި ގެނައުމަށް ޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރާއްޖެ އަށް ހިލަޔާއި ހިލަވެލި އެތެރެކުރާ ސޮނީ ހާޑް ވެއާއިން ވެސް ބުނީ އެ ކުންފުނިން ވެސް ހިލަޔާއި ހިލަވެލި ހުސްވެފައިވާ ކަމަށާއި އަދި ލިބޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

ރާއްޖޭގެ ބާޒާރުން ހިލަޔާއި ހިލަވެލި ހުސްވެފައި ވަނީ މިހާތަނަށް ރާއްޖެ އަށް ހިލަ ގެނެސްފައިވާ އިންޑިއާ ސަރުކާރުގެ ޚާއްސަ ކޯޓާ އުވާލުމާ ގުޅިގެންނެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެ، ގިނަ މަސައްކަތްތަކެއް ހުއްޓިފަ އެވެ.