23 Apr 2013, 12:41
އުގޭންޑާގެ ޒުވާނުންގެ ގުރޫޕަކަށް ބަސްތާއެއް ފުރައި ފައިސާ ދިން މައްސަލާގައި އުގޭންޑާގެ ރައީސް ޔޮވޭރީ މުސެވޭނީއަށް ގިނަ ފަރާތްތަކަކުން ފާޑުކިޔުންތައް އަމާޒުކޮށްފި އެވެ.
އުގޭންޑާގެ ގައުމީ ޓީވީއިން ވަގުތު ދުރަށް ދެއްކި އިވެންޓެއްގައި ބަސްތާއަކަށް އަޅާފައިވާ ފައިސާތައް މުސެވޭނީ ހަވާލުކޮށްފައި ވަނީ ބުސޯގާ ޔޫތު ފޯރަމް ކިޔާ އުގޭންޑާގެ ޒުވާނުންގެ ގުރޫޕަކަށެވެ. ބީބީސީއިން ބުނީ އެބަސްތާގައި އުގޭންޑާގެ ފައިސާއިން 250 މިލިއަން ޝިލިންގްސް ނުވަތަ 100،000 އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް އުގޭންޑާގެ ރައީސް އޮފީހުން ބުނެފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ޕުލެޓްފޯމްތަކުގައި ގިނަ އަދަދެއްގެ އާއްމުން ދަނީ މުސެވޭނީއަށް ފާޑުކިޔަމުން ނެވެ.
"ސެކް އޮފް މަނީ" (sackofmoney#) ގެ ހޭޝްޓެގުގައި އުގޭންޑާގެ ގިނާ އާއްމުން ބުނަމުންދަނީ މިހާ ބައިވަރު ފައިސާތަކެއް ޒުވާނުންގެ ގުރޫޕަކާއި ހަވާލުކުރާއިރު ފައިސާ ބޭނުންކުރެވެނީ ކޮން ކަންކަމަކަށް ކަން ބަލައި މޮނީޓަރު ކުރެވެން ޖެހޭނެ ކަމަށެވެ.
އުގޭންޑާގެ ޓީވީއިން ބުނީ މިއިވެންޓުގައި ފައިސާގެ އިތުރުން މިނީބަހަކާއި ލޮރީއެއް އަދި 15 މޮޓޯސައިކަލު ޒުވާނުންގެ ގުރޫޕަށް މުސެވޭނީ ހަދިޔާކޮށްފައިވާ ކަމަށެވެ.
ބީބީސީއިން ބުނީ މުސެވޭނީގެ 2011 ވަނަ އަހަރުގެ ކެމްޕެއިންގެ ތެރޭގައި ޒުވާނުންގެ ގުރޫޕަށް ފައިސާގެ އެހީ ވުމަށް ވައުދުވެފައިވާ ކަމަށެވެ. އަދި އުގޭންޑާގައި ބާއްވާ އިވެންޓުތަކުގައި މިގޮތަށް ފައިސާ ބެހުމަކީ މުސެވޭނީގެ އާދައެއް ކަމަށް ވެސް ބީބީސީއިން ބުނެއެވެ.