ޕީޕީއެމްގެ ޒުވާނުން ގޮފީގެ ރައީސް އިބްރާހީމް ނާޒިމްގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ބުނެފި އެވެ

ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މުގައްރިރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ޕާޓީއަށް ގެއްލުންވާނެ ގޮތަށް ނާޒިމްގެ އަމަލުތައް ހުންނަ ކަމަށް ބުނެ އާންމު މެންބަރަކު ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންދާ ކަމަށެވެ.

" ޕާޓީއަށް ގެއްލުންވާ ގޮތަށް އޭނާގެ އަމަލުތައް ހުރި މައްސަލައެއް މި ކޮމެޓީން މިހާރު މި ދަނީ ބަލަމުން،". އެހެންނަމަވެސް އެއީ ކޮން މައްސަލައެއް ކަމަށް އޭނާ ވިދާޅެއް ނުވެއެވެ.

އަޒީޒު ވިދާޅުވީ ނާޒިމްގެ މައްސަލައިގައި އޭނާގެ ފަރާތުން ވާހަކަ ދެއްކުމަށް ދެ މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު މިހާރު އޭނާއަށް ދީފައިވާނެ ކަމަށެވެ.

ޓްރާންސް ޕޯޓު މިނިސްޓްރީގެ ރަޖިސްޓްރާކަމުގެ މަގާމުގައި ހުންނެވި ނާޒިމް ޕީޕީއެމް ޕްރައިމަރީގައި ތާއީދު ކުރައްވާފައިވަނީ އުމަރު ނަސީރުއަށެވެ. އަދި ޕީޕީއެމް ޕްރައިމަރީއަށް ފަހު އުމަރު ނަސީރު ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވާފައިވާއިރު ޕީޕީއެމް ޕްރައިމަރީގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް އޭނާ ތުހުމަތު ކުރައްވާފައިވެއެވެ.

ޕީޕީއެމް ޕްރައިމަރީ އަކީ އިންސާފްވެރި އިންތިހާބެއް ކަމަށް ޕީޕީއެމް ބުނި ނަމަވެސް ނާޒިމް ވިދާޅުވެފައި ވަނީ އިންތިހާބުގައި މަކަރު ހަދާފައިވާ ކަމުގެ ހެކިތައް އޭނާގެ ފޯނުގައި އެބަހުރި ކަމަށެވެ.