23 Apr 2013, 12:32
މޫސުމަށް އަންނަ ބަދަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެންނެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ މަސައްކަތްފުޅުތައް ދައްކުވައިދޭ "ދިއައިލެންޑް ޕްރެސިޑެންޓް" ދިވެހި "ސަބް ޓައިޓްލް" ހިމަނައިގެން ނެރެފި އެވެ.
ރޭ ނަސަަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަބް ޓައިޓަލްއާ އެކު "އައިލެންޑް ޕެރެސިޑެންޓް" ނެރެދެއްވީ ރައީސް ނަޝީދެވެ. އެ ރަސްމިއްޔާތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ވަމުންދާ ގެއްލުންތަކާއި މޫސުމާއި ޑިމޮކްރަސީއާ ހުރި ގުޅުމުގެ މައްޗަށް ރައީސް ނަޝީދު ވާހަކަ ދެއްކެވި އެވެ.
"ދި އައިލެންޑް ޕްރެސިޑެންޓް" ސީޑީ ރޭގެ ރަސްމިއްޔާތުގައި ރައީސް ނަޝީދުގެ ސޮޔާ އެކު ވިއްކާފައި ވަނީ 1000 ރުފިޔާ އަށެވެ. ރާއްޖެ ޓީވީން ބުނީ އެ ފިލްމް ބާޒާރުގައި ވިއްކުމަށް ހަމަޖައްސާފައިވާ އަގަކީ 150 ރުފިޔާ ކަމަށެވެ.
ސެން ފްރެންސިސްކޯގެ މަޝްހޫރު ޑޮކިއުމެންޓްރީ ފިލްމު އުފައްދާ ކުންފުނި "އެކްޗުއަލް ފިލްމްސް" އިން ރާއްޖެއާ ބެހޭ ގޮތުން އުފައްދާފައިވާ އެ ޑޮކިއުމެންޓަރީ ފިލްމުގައި ދައްކުވައިދެނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ ކަންކަމުން ދިފާއުވުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތްތަކެވެ.