ދަރަވަންދޫ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން އެރަށު ސުކޫލަށް ހަ ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާ ކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގެ ފަރާތުން އިއްޔެ ދަރަވަންދޫ ސުކޫލަށް ހަ ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަބްދުލް ހާރިޝް އެވެ. އަދި އެކޮމްޕިއުޓަރު ސިސްޓަމްތަކާ ހަވާލުވެލެއްވީ ދަރަވަންދޫ ސުކޫލުގެ ޕުރިންސިޕަލް ޝަރީފާ ސައީދު އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ ދަރަވަންދޫ ސުކޫލަށް އެކުންފުނީގެ ފަރާތުން ހަ ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކުރީ އެ އިސްކޫލަށް ކޮމްޕިއުޓަރު ލެބެއްގެ ދަތިކަން ވަރަށް ބޮޑަށް ފޯރާފައިވާތީ އެކަމަށް އެހީތެރިވުމުގެގޮތުން ކަމަށެވެ. އަދި ހަދިޔާ ކޮށްދިން ހަ ކޮމްޕިއުޓަރު ސިސްޓަމަކީ އެންމެ ފަހުގެ ކޮމްޕިއުޓަރު ސިސްޓަމްތަކެއް ކަމަށް ނަޝާތު ވިދާޅުވިއެވެ.

"އެކޮމްޕިއުޓަރު ސިސްޓަމްތައް އަޅުގަނޑުމެން ހަދިޔާ ކުރީ އަޅުގަނޑުމެންނާއި ދަރަވަންދޫ އާއި ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމާއި ސީއެސްއާރްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން" ނަޝާތު ވިދާޅުވިއެވެ.

ދަރަވަންދޫ ސުކޫލުގެ ޕުރިންސިޕަލް ޝަރީފާ ސައީދު މިއަދު ވިދާޅުވީ އެސުކޫލުގެ ކޮމްޕިޓާ ލެބަކީ ބެލެނިވެރިން އިމާރާތް ކޮށްފައިވާ ތަނަކަށް ވާއިރު އައިލެންޑް އޭވިއޭޝަނުން އެ އިސްކޫލުގެ ކޮމްޕިއުޓަރު ލެބަށް ހަ ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާ ކޮއްދެއްވުމަކީ އެ އިސްކޫލަށް އެކުންފުނީގެ ފަރާތުން ވީ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.