23 Apr 2013, 12:06
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ބާޔާން މިޔުނިކާއި ބާސެލޯނާ ބައްދަލު ކުރާ މެޗުގައި ބާސާގެ ތަރި ލިއޮނަލް މެސީ ކުޅެފާނެތީ އެއްވެސް ވަރަކަށް ހާސްނުވާ ކަމަށް ބަޔާންގެ ކޯޗު ޔުޕް ހެއިންކެސް ބުނެފިއެވެ.
ފްރާންގެސް ޕީއެސްޖީއާ ދެކޮޅަށް ބާސާއިން ކުޅުނު ކުއާޓާފައިނަލުގެ ދެވަނަ ލެގުގެ މެޗަށްފަހު މެސީ އަދި މިހާތަނަށް ބާސާ ކުޅުނު އެއްވެސް މެޗެއްގައި ބައިވެރިވެފައެއް ނުވެއެވެ. އެހެން ނަމަވެސް އުމުރުން 25 އަހަރުގެ އާޖެންޓީނާ ފޯވަޑް ވަނީ މިރޭ ބަޔާންއާ ދެކޮޅަށް ބާސާ ނުކުންނަ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ބާސާގެ އެސިސްޓެންޓް ކޯޗް ޖޯޑީ ރޫރާ ވަނީ ބުނެފައެވެ.
ހެއިންކެސް ބުނީ ބާސާއަކީ ހަމައެކަނި މެސީ ނޫން ކަމަށާއި އެއަށް ވުރެބޮޑަށް އެއީ ވަރުގަދަ ސްކޮޑެއް އޮތް މޮޅު ކުލަބެއް ކަމަށެވެ. އެހެން ކަމުން މެސީ ވެސް އެމެޗުގައި ރަނގަޅަށް ކުޅޭނޭ ކަމަށް އޭނާ އުއްމީދު ކުރާ ކަމަށާއި އަދި އެކަމުން އޭނާއަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ.
މިސީޒަން ނިމުމުން ބަޔާންގެ ކޯޗުކަމުން ވަކިވާންޖެހޭ އިރު އަލަށް އެ ކުލަބުގެ ކޯޗުކަމާ ހަވާލުވާން ތައްޔާރަށް ހުރި ބާސާގެ ކުރީގެ ކޯޗޮ ޕެޕް ގާޑިއޮލާގެ ފަރާތުން އެއްވެސް އެހީއެއް ބޭނުން ނޫން ކަމަށް ބުނެ، ކުރިން ރެއާލް މެޑްރިޑްގެ ކޯޗުކަން ވެސް ކޮށްފައިވާ ހެއިންކެސް ބުނީ އޭނާއަށް ސްޕެނިޝް ފުޓްބޯޅަ ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެހެން ކަމުން ބާސާއާ ދެކޮޅަށް ކުޅޭނޭ ރަނގަޅު ޕްލޭންތަކެއް މިހާރު ވެސް އޭނާ އޮތީ ރާވާފައި ކަމަށެވެ. އަދި އެކަމުގައި އެހެން މީހެއްގެ އެހީތެރިކަމެއް ބޭނުންނުވާ ކަމަށާއި އޭނާގެ ކުލަބުވެސް އެންމެ ރަނގަޅަށް އެނގޭ މީހަކީ ހުދު އޭނާ ކަމަށެވެ.
"އަހަރެން ގާޑިއޮލާއަށް ވަރަށް އިހުތިރާމް ކުރަން. އެކަމަކު އެހެން ކޯޗެއްގެ ލަފައެއް އަހަރެން އަދި ބޭނުންމެއް ނުވޭ. އެހެން މީހުނަށްވުރެ ރަނގަޅަށް އަހަރެންނަށް އަހަރެންގެ ކުލަބު އިނގޭ. އަދި ސްޕެނިޝް ފުޓްބޯޅަވެސް ވަރަށް ރަނގަޅަށް އަހަންނަށް އެނގޭ،" ހެއިންކެސް ބުންޏެވެ.
މިޔުނިކުގެ އެލިއަންޒް އެރީނާގައި ބަޔާންއާއި ބާސާ ބައްދަލު ކުރާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ ކުޅުން ފަށާނީ ރާއްޖޭ ގަޑިން މިރޭ 11:45ގައެވެ.