ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްވުރެ ބާސެލޯނާއަށް މުހިއްމީ ސްޕެނިޝް ލީގު ހޯދުން ކަމަށް ބާސާގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ސްޕެނިޝް ލީގުގެ ދެވަނައިގައި 71 ޕޮއިންޓާއެކު ވާދަވެރި ރެއާލް މެޑްރިޑް އޮތްއިރު 13 ޕޮއިންޓުގެ ލީޑަކާއެކު މިވަގުތު އެއްވަނައިގައި އޮތް ބާސާގެ މިޑަފީލްޑަރު ބުނެފައިވަނީ ޗެމްޕިއަންސް ލީގަކީވެސް އެކުލަބަށް މުހިއްމު މުބާރާތެއް ކަމަށާއި އެހެން ނަމަވެސް މިވަގުތު އެންމެ މުހިއްމު ކަމަކީ ލީގު ކާމިޔާބުކުރުން ކަމަށެވެ. ލީގުގައި ރެއާލް މެޗަކުން ބަލިނުވެ ކުރިއަށް ދާނަމަ، ބާސާއަށް ވެސް އަދި ރެއާލްއަށް ވެސް ބަކީ ހަ މެޗު އޮތްއިރު ލީގު ކަށަވަރު ކުރުމަށް ބާސާއިން ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ.

"އަހަރުމެންނަށް އެންމެ މުހިއްމު ޓައިޓްލްއަކީ ލަލީގާ. އެކަމަކު ޗެމްޕިއަންސް ލީގުގެ ސަބަބުން ވެސް އަހަރެމެންނަށް އިތުރު ހިތްވަރެއް ލިބިގެންދޭ،"ސްޕެއިންގެ މިޑަފީލްޑަރު ބުންޏެވެ.

ޗެމްޕިއަންސްލީގުގައި މިރޭ ބަޔާންއާ ދެކޮޅަށް މިޔުނިކްގައި ބާސާ ކުޅޭ މެޗާބެހޭގޮތުން ޒަވީ ބުނީ ބަޔާންއާ ދެކޮޅަށް ކުޅޭމެޗަކީ 50/50ގެ މެޗެއްކަމަށާއި އެހެން ނަމަވެސް ބާސާއިން އެ ކުލަބުގެ ސްޓައިލްގައި އެމެޗު ކުޅޭނޭ ކަމަށެވެ. އަދި އެމެޗުގައި އަވޭ ގޯލްއެއް ކާމިޔާބު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައިވެސް ޒަވީ ބުންޏެވެ.