23 Apr 2013, 11:51
މިހާތަނަށް ރާއްޖޭގައި ހެދި އެންމެ ބޮޑު ސަފާރީ ރ. އަލިފުށީގައި ބަނދެ ރޭ ބާލައިފި އެވެ.
ޕޮލޭންޑް ބަޔަކު ރާއްޖޭގައި އުފައްދާފައިވާ "ސްކޫބާ ސްޕާ" ނަމަކަށް ކިޔާ ކުންފުންޏަކަށް އެ ސަފާރީ ބަނދެދީފައި ވަނީ އަލިފުށީ ގުލްރައުނާގޭ މުހައްމަދު ޔޫސުފް އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މުހައްމަދު ޔޫސުފް މިއަދު ބުނީ ދިގުމިނުގައި 167 ފޫޓު އަދި ފުޅާމިނުގައި 37 ފޫޓު ހުންނަ އެ ސަފާރީ އަކީ ދެ އަހަރާއި ހަތަރު މަހުގެ މަސައްކަތުން ބަނދެފައިވާ ސަފާރީއެއް ކަމަށެވެ.
ދެހާސް ދިހަ ވަނަ އަހަރުގެ ތެރޭގައި ސަފާރީގެ މަސައްކަތް ވަކި ހިސާބަކަށް ގޮސްފައި ވަނިކޮށް ދިމާވި ކަރަންޓް މައްސަލައަކާ ގުޅިގެން ސަފާރީއާ އެއްކޮށް މުޅި ހަރުގެ އަނދައި ހުލިވެފައިވާ ކަމަށާއި ދެ ވަނަ ފަހަރަށް އެ މަސައްކަތް އަލުން ފެށީ 2011 ވަނަ އަހަރުގެ ތެރޭގައި ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ އެ ސަފާރީ ބަނދެފައި ވަނީ ތިން މިލިއަން ރުފިޔާ އަށް ކަމަށާއި އެ ސަފާރީގެ އެކިއެކި ކަންކަމަށް "ސްކޫބާ ސްޕާ" ކުންފނީގެ ފަރާތުން ފަސް މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވެސް މުހައްމަދު ޔޫސުފް ބުންޏެވެ.
އޭނާ ބުނީ މިއަދު އެ ސަފާރީ މޫދަށް ބޭލުނީ ތިން މަސް ދުވަހުގެ މަސައްކަތުން ކަމަށާއި ސަފާރީ ބޭލުމުގެ މަސައްކަތް ފެއްޓީ މިދިޔަ ފެބްރުއަރީ މަހު ކަމަށެވެ.
މިހާރު ކުރިއަށްދާ މަސައްކަތަކީ ދަތުރު ކުރުމަށް ބޭނުންވާ ސާމާނު ސަފާރީއަށް އެރުވުން ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ އެ ސަފާރީގެ ފުރަތަމަ ދަތުރު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނީގެ ފަރާތުން ބުނެފައިވާ ކަމަށެވެ.