ވޮޝިންގްޓަން (އެޕްރީލް 23): މިޔަންމާގެ ބައިމަދު ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުންނާއި ހަރުކަށި ބުޑިސްޓު ޖަމާއަތްތައް ގުޅިގެން ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ހިންގަމުން ގެންދާ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ހިޔުމަން ރައިޓްސް ވޮޗް އިން ބުނެފި އެވެ.

މިޔަންމާގެ ރޮހިންގްޔާ މުސްލިމުންނަށް ކުރިމަތިވެފައިވާ އަނިޔާވެރި އަދި ލާއިންސާނީ އަމަލުތައް ބަލައި ދިރާސާކުރުމަށް ފަހު ހިޔުމަން ރައިޓްސް ވޮޗް އިން ނެރުނު ރިޕޯޓެއް ބުނާގޮތުން ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދަނީ ނަސްލު ނައްތާލުމުގެ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެކެވެ. މި ޖަރީމާތަކުގެ ފަހަތުގައިވާ ފަރާތްތަކުގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީކޯޓުގައި ރޮހިންގްޔާ މުސްލިމުންގެ ނަސްލު ނައްތާލުމަށް މަސައްކަތްކުރާ ކަމުގެ ދައުވާ އުފުލަންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިޔަންމާ ސަރުކާރުން ވަނީ ހިޔުމަން ރައިޓްސް ވޮޗްގެ މިތުހުމަތު ތަކަށް އިންކާރުކޮށްފަ އެވެ. މިރިޕޯޓަށް ރައްދު ދެއްވަމުން މިޔަންމާގެ ރިޔާސީ ތަރްޖަމާނަކު ވިދާޅުވީ މިއީ އަސާސެއްނެތް ތުހުމަތު ތަކެއް ކަމުގަ އެވެ. އަދިރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ނުހިންގާ ކަމަށާ އެމީހުންނާއި ބުޑިސްޓުންނާ ދެމެދު ހިނގާފައި ވަނީ ކުރިމަތިލުންތަކެއް ކަމަށް ސިފަކޮށް މިކުރިމަތިލުންތަކުގައި މިޔަންމާ ސަރުކާރުގެ ބައިވެރިނުވާ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެއިތުރުން ރޮހިންގްޔާ މުސްލިމުންގެ މައްސަލާގައި ހިޔުމަން ރައިޓްސް ވޮޗް އިން ނެރެފައިވާ ރިޕޯޓަކީ ވަކިފަރާތަކަށް ޖެހިފައިވާ ރިޕޯޓެއް ކަމަށް ވެސް މިޔަންމާގެ ރިޔާސަތުން ބުނެފައިވެ އެވެ.

ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގަމުންގެންދާ އަނިޔާވެރި ޢަމަލުތަކާބެހޭ ގޮތުން ހިޔުމަން ރައިޓްސް ވޮޗް އިން ނެރުނު ރިޕޯޓްގައި އެމީހުންނާ ދެކޮޅަށް ގަތްލުޢާންމުތައް ހިންގައި އެތަށް ސަތޭކަ ރޮހިންގްޔާ މުސްލިމުން މަރައި އެމީހުންގެ ހަށިތައް ބޮޑެތި ކައްވަޅުތަކުގައި ވަޅުލާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ހަރުކަށި ބުޑިސްޓް ޖަމާއަތްތަކާއި މިޔަންމާގެ ބައެއް މަސްއޫލުވެރިން ގުޅިގެން ރޮހިނގްޔާ މުސްލިމުންގެ އަވަށްތަކުގައި ހުޅުޖަހައި ގެދޮރާއި މުދާތައް އަންދާލާފައިވާކަމަށާ ރޮހިންގްޔާ މުސްލިމުންގެ އެތައް ހާސްބަޔަކު އެމީހުންގެ ވަޒަނުން ބޭރުކޮށްލާފައިވާ ކަމަށް ވެސް މިރިޕޯޓް ބުނެ އެވެ.

ހިޔުމަން ރައިޓްސް ވޮޗް އިން މިރިޕޯޓް ނެރެފައިވާ އިރު ހަރުކަށި ބުޑިސްޓް ޖަމާއަތްތަކުން ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގަމުން ގެންދާއިރު މިޔަންމާ ސަރުކާރުގެ ސަލާމަތީ ބާރުތައް އެކަން ނުހުއްޓުވައި ކުޅިބަލަންތިބޭ މަންޒަރު ދައްކައިދޭ ވީޑިޔޯއެއްވެސް މިހަފްތާގައި ވަނީ ބައިނަލްއަޤްވާމީ މީޑީޔާގައި ޢާންމު ވެފަ އެވެ.(ނޫސްއެޖެންސީތައް)