23 Apr 2013, 10:05
އޯލްޑް ޓްރަފޯޑްގައި ރޭ އެސްޓަން ވިލާކޮޅަށް ރޮބިން ވެންޕާސީ ހެދި ހެޓްރިކާއެކު މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގު 20 ވަނަ ފަހަރަށް ހޯދައިފިއެވެ.
އާދީއްތަ ދުވަހު ޓޮޓެންހަމް އަތުން މެންޗެސްޓާ ސިޓީ ބަލިވެފައި ވުމުން 13 ޕޮއިންޓުގެ ލީޑެއްގައި ތާވަލުގެ ކުރީގައި އޮތް ޔުނައިޓެޑް ރޭގެ މެޗަށް ނުކުތީވެސް ވިލާ އަތުން މޮޅުވެއްޖެނަމަ ލީގު ލިބޭނޭކަން ޔަގީންވެ ތިބެގެންނެވެ. އަދި ރޭގެ މެޗުން ބަލިވުމުން އެސްޓަން ވިލާއާ ރެލިގޭޝަނާ ދޭތެރޭގައި އޮތީ އެންމެ ތިން ޕޮއިންޓުގެ ތަފާތެކެވެ.
ސަމާ ޓްރާންސްފާގައި 24 މިލިޔަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވި އާސެނަލްގެ ކުރީގެ ޑަޗް ފޯވަޑް ވެންޕާސީ އޭނާ މެޗުގައި ކާމިޔާބުކޮށްދިން ތިން ލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެއީ މެޗުގެ ދެވަނަ މިނިޓުގައި ލަނޑެއް، 13 ވަނަ މިނިޓުގައި ލަނޑެއް އަދި އޭނާ މެޗުގައި ހެދި ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 33 ވަނަ މިނިޓުގައެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ލީގު ކަށަވަރު ކުރި މިއީ ހަތަރުވަނަ ފަހަރެވެ. އަދި އެ އަދަދަށް އެހެން ކުލަބަކަށް އަމިއްލަ ދަނޑުގައި ލީގު ޔަގީން ކުރެވިފައި ނުވާއިރު ޔުނައިޓެޑް ލީގު ޔަގީން ކޮށްފައި މިވަނީ ބާކީ ހަތަރު މެޗު ކުޅެން އޮއްވައެވެ. އަދި ހަމަ އެހެންމެ ޔުނައިޓެޑަށް ލީގުގައި ކުރިއަށް އޮތް ހަތަރު ގޭމް ކާމިޔާބު ކުރެވިއްޖެނަމަ 96 ޕޮއިންޓު ހޯދައިގެން ޕްރެމިއާ ލީގުގައި އެއްސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓު ހޯދުމުގެ ރެކޯޑްވެސް ޔުނައިޓެޑަށް ހޯދޭނެއެވެ. މިހާރު އެ ރެކޯޑް އޮތީ ޗެލްސީ އަތުގައެވެ. މޮރީނިއޯގެ ކޯޗުކަމުގެ ދަށުގައި 2004-2005ގެ ސީޒަންގައި ޗެލްސީ ލީގު ކާމިޔާބު ކުރީ 95 ޕޮއިންޓު ހޯދައިގެންނެވެ.
ޔުނައިޓެޑް 20 ވަނަ ފަހަރަށް ލީގު ކާމިޔާބު ކޮށްފައިވާއިރު އޭގެ ތެރެއިން 13 ފަހަރު ލީގު ހޯދާފައިވަނީ ކުލަބުގެ ޒަމާންވީ ކޯޗު ސާ އެލެކްސް ފާގަސަންގެ ކޯޗުކަމުގައެވެ.
ލީގުގައި މެންޗެސްޓާ ޔުނައިޓެޑު ދެން ކުރިމަތިލާން ޖެހޭނީ އާސެނަލް، ޗެލްސީ، ސުވާންސީ އަދި ވެސްޓްބްރޮމް އެވެ.