ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އާތާ ބްރަދާސްގައި ހިމެނޭ ގޮޑާޒިން ސާގަސްޔާން ހޯދަން އިއުލާންކޮށްފި އެވެ.

ނަމަވެސް އޭނާ ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅެއްނުވެ އެވެ. އަދި ގޮޑާޒިން ސާގަސްޔާން ހޯދުމަށް އިއުލާންކުރިއިރު އޭނާ ރާއްޖޭގައި ހުރި ކަން ނުވަތަ ނޫން ކަން ވެސް ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ.

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައި ބުނެފައި ވަނީ ހޯދަމުންދަނީ ފްރާންސްގެ ރައްޔިތެއްކަމަށްވާ ގޮޑާޒިން ސާގަސްޔާން (ޕާސްޕޯޓް ނަންބަރު: 10CZ05238) ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރާ، އާތާ ސާގްސްޔަން އާއި ފޮޑަޒިން ސާގްސްޔަންއަށް ރެސިޑެންސް ވީސާ ލިބޭނެ ގޮތް ހަދައިދިނުމަށް އެދި ޓޫރިޒަމް މިނިސްޓްރީ އިމިގްރޭޝަނަށް ފޮނުވާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. އަދި އެ ދެބެންގެ މައްސަލަ ފެންމަތިވުމާ ގުޅިގެން އާތާ ބްރަދާސް ހޯލްޑިންގްސްގެ ޗެއާމަން އަރުތޫރު ސަރަގްސިޔަން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.