23 Apr 2013, 09:34
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގައި މަސައްކަތްކުރާނެ ގޮތްތައް އަންގައިދޭ ކަންޓްރީ ކޯޕަރޭޝަން ސްޓްރެޓެޖީ (ސީއެސްއެސް) ޑަބްލިޔުއެޗްއޯ އިން ލޯންޗުކޮށްފި އެވެ.
ރޭ ޓްރޭޑާސް ހޮޓަލުގައި ކުރިއަށް ދިޔަ ހަފްލާއެއްގައި 2013 އިން ފެށިގެން 2017ގެ ނިޔަލަށް ކަނޑައަޅާފައިވާ ކަންޓްރީ ކޯޕަރޭޝަން ސްޓްރެޓެޖީ ލޯންޗުކޮށްދެއްވީ މިހާރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ޑަބްލިޔުއެޗްއޯގެ ސައުތު އީސްޓް އޭޝިޔާ ރީޖަނަލް އޮފީހުގެ ރީޖަނަލް ޑިރެކްޓާ ޑރ. ސަމްލީ ޕްލިއަންބަންގުޗަންގެވެ.
ހެލްތު މިނިސްޓްރީ އާއި ޑަބްލިޔުއެޗްއޯ އިން ލޯންޗުކޮށްފައިވާ އެ ސްޓްރެޓެޖީގައި އިސްކަންދޭނެ ހަތަރު ކަމެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރުމާއި ބަލިތަކާއި ނުކުޅެދުންތެރިކަން ކޮންޓްރޯލްކުރުމާއި އާއްމު ސިއްހީ މައްސަލަތަކުގައި މަސައްކަތްކުރުމުގެ އިތުރުން ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ސިއްހީ ގަވަނަންސްގެ ނިޒާމު ވަރުގަދަކުރުމެވެ.
ޑަބްލިޔުއެޗްއޯ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ސްޓްރެޓެޖީ އެކުލަވާލުމުގައި ދިވެހި ސަރުކާރުން ސިއްހީ ދާއިރާ އަށް ކަނޑައަޅާފައިވާ އަމާޒުތަކަށް އިސްކަންދީފައިވާނެ ކަމަށެވެ.
ރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑަބްލިޔުއެޗްއޯގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވް ޑރ. އަކުޖެމާލު މަޙުތީމޯވާ ވިދާޅުވީ އެ ސްޓްރެޓެޖީއަކީ ރާއްޖެ އަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ސްޓްރެޓެޖީއެއް ކަމަށެވެ.
"މިސްޓްރެޓެޖީ އެކުލަވާލުމުގައި އަޅުގަނޑުމެން ބެލިން ރާއްޖެ ކުޑަ ޖަޒީރާ ގައުމަކަށް ވުމުން އަންނާނެ ބަދަލުތަކަށް. ހަމައެއާ އެކު މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އަސަރުކުރަމުންދާ ގައުމަކަށް ވުމުން އައިސްފާނެ ބަދަލުތަކަށް. މިސްޓްރެޓެޖީއަކީ ރާއްޖެ އަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސްޓްރެޓެޖީއެއް،" ޑރ. މަޙުތީމޯވާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާ އަށް ފަހު ސަން އޮންލައިނާ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވީ ކޮންމެ ގައުމެއްގައި ޑަބްލިޔުއެޗްއޯ އިން މަސައްކަތްކުރާ އިރު ކުރަނީ މިކަހަލަ ކޯޕަރޭޝަން ސްޓްރެޓެޖީއެއްގެ އެހީގައި އެސްޓްރެޓެޖީގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ކަމަށެވެ.
"ދެން ދެ އަހަރުގެ ވޯކް ޕުލޭނެއް ތައްޔާރުކުރެވޭނީ. މިވޯކް ޕުލޭނުގައި ހުންނާނެ ކުރިއަށް ގެންދާނެ ވަކިވަކި މަސައްކަތްތަކާއި ހަރަކާތްތައް ލިޔެވިފައި. އަދި ބަޖެޓުކުރެވިފައި. މިދެންނެވި ވޯކް ޕްލޭން ތައްޔާރުވެގެންދާނީ މިރޭ މިލޯންޗުކުރެވުނު ސްޓްރެޓެޖީ އަށް އަލިއަޅުވާލައިގެން." މިނިސްޓަރު ޖަމްޝީދު ވިދާޅުވި އެވެ.