23 Apr 2013, 08:28
ކެނެޑާގައި ރޭލެއް ގޮއްވައިލައިގެން ހަމަލާތަކެއް ދޭން އުޅުނު އަލް-ގައިދާ ޖަމާއަތާ ގުޅުން ހުރި ދެ މީހަކު ހައްޔަރުކޮށް، އެމީހުން ދޭން އުޅުނު ހަމަލާ ހުއްޓުވައިފައިވާ ކަމަށް ކެނެޑާގެ ފުލުހުން ބުނެފިއެވެ.
ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް (އާރުސީއެމްޕީ) އިން ބުނީ ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ އުމުރުން 30 އަހަރުގެ ޝިހާބް އީސާގިއާއާއި އުމުރުން 35 އަހަރުގެ ރައީދު ހެސާ ކަމަށެވެ. މީގެ ތެރެއިން އެކަކު ކެނެޑާގެ މޮންޓްރެއާލްއިން ހައްޔަރުކޮށްފައިވާއިރު އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ ކެނެޑާގެ ޓޮރޮންޓޯއިން ކަމަށް ފުލުހުން ބުނެއެވެ.
ކެނެޑާގެ ސަލާމަތީ ބާރުތަކުން ބުނީ މިދެމީހުންނަކީ ޓޮރޮންޓޯ ސަރަހައްދުގައި ރޭލެއް ގޮއްވައިލާން ނުއަތަށް ފުރޮޅާލައިގެން ހަމަލާއެއް ދޭން މަސައްކަތްކުރި ދެމީހުން ކަމަށާއި މިއަދުގެ ވަގުތެއްގައި މިމީހުންގެ މައްޗަށް ދައުވާކުރާނެ ކަމަށެވެ.
ކެނެޑާ ފުލުހުން ތުހުމަތުކުރާ ގޮތުގައި މިދެމީހުންނަކީ އިރާނުގައިވާ އަލް-ގައިދާގެ ގޮތްޕެއްގެ އެހީގައި މަސައްކަތްކުރަމުންދާ ދެމީހުންނެވެ. މިމީހުން ހަމަލާ ދޭން އަމާޒު ކޮށްފައި ވަނީ ވަކި ރޭލަކަށް ވުރެ ބޮޑަށް ވަކި މަގަކުން ދަތުރު ކުރާ ރޭލެއް ނުވަތަ ރޭލުތަކަކަށް ކަމަށް މައުލޫމާތު ލިބެއެވެ.