23 Apr 2013, 08:24
އެމެރިކާގެ ބޮސްޓޮންގައި ކުރިއަށް ދިޔަ މެރަތަންގެ ތެރޭގައި ދެ ބޮމެއް ގޮއްވާލައި ތިން މީހުން މަރައިލުމުގެ ކުށުގެ ދައުވާ ޒޮހާރު ޓުސާނައެވުއާ ދެކޮޅަށް ކޮށްފިއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ބުނީ މިހަމަލާގައި ބައިވެރިވި ދެ މީހުންގެ ތެރެއިން ދުނިޔޭގައި ސަލާމަތުން ހުރި މީހާ ކަމަށްވާ ޒޮހާރާ ދެކޮޅަށް ދައުވާކޮށްފައިވާއިރު އޭނާ އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ބުނީ ޒޮހާރުގެ މައްޗަށް ކުރާ ދައުވާތަކަކީ ގިނަ ބަޔަކަށް އެއްފަހަރާ ބޮޑެތި ގެއްލުންތަކެއް ދެވޭ ހަތިޔާރެއް ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި އާއްމު މުދަލަށް ގެއްލުން ދީ، މީހުންތަކެއް މަރާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ބޮސްޓޮން މެރަތަންގެ ނިމޭ ރޮނގު ކައިރީގައި ދެބޮމެއް ގޮއްވާލައި ދިން ހަމަލާގައި ތިން މީހަކު މަރުވެފައިވާއިރު 200 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ.
އެމެރިކާގެ ފުލުހުން އުމުރުން 19 އަހަރުގެ ޒޮހާރު ހައްޔަރުކޮށްފައި ވަނީ އޭނާ ހޯދުމަށް ހިންގި ބޮޑު އޮޕަރޭޝަނަކަށް ފަހުގައެވެ. މިއޮަޕަރޭޝަންގައި ފުލުހުންނާ ބަދަލުކުރެވުނު ހަމަލާތަކުގައި ޒޮހާރާ އެކު ބޮން ގޮއްވާލުމުގައި ބައިވެރިވި އޭނާގެ ބޭބެ ޓެމާލަން ޓުސާނައެވު ވަނީ މަރުވެފަ އެވެ.
ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުންނާ ބަދަލުކުރި ހަމަލާތަކުގެ ސަބަބުން ޒޮހާރުގެ ކަރަށް ވަޒަނެއް އަރާފައި ވުމުން އޭނާއަށް އަދިވެސް ވާހަކަ ނުދެއްކޭ ކަމަށް މައުލޫމާތު ލިބެ އެވެ.
ބީބީސީއިން ބުނީ ޒޮހާރާ ދެކޮޅަށް ދައުވާ އުފުލުމަށާއި ޝަރީއަތް ކުރިއަށްދާނެ ގޮތް އޭނާއަށް އަންގައިދިނުމަށް ހޮސްޕިޓަލުގައި ޝަރީއަތުގެ މަޖިލީހުގެ ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ ކުރިން އެމެރިކާގެ ބައެއް ސެނެޓަރުން ވިދާޅުވެފައި ވަނީ ޒޮހާރަށް "އެނެމީ ކޮމްބެޓެންޓް" ނުވަތަ ދުޝްމަނު ހަނގުރާމަވެރިއެއްގެ ދަރަޖަ ދީ، އޭނާއާ ދެކޮޅަށް އަސްކަރީ ކޯޓެއްގައި ދައުވާކުރެވެން ޖެހޭނެ ކަމަށެވެ. ނަމަވެސް ވައިޓް ހައުސްއިން ބުނެފައި ވަނީ ޒޮހާރާ ދެކޮޅަށް ދައުވާ ކުރެވޭނީ އެމެރިކާގެ އާއްމު އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.