23 Apr 2013, 00:11
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ އަބްދުﷲ ޝާހިދުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް މަޖިލީހަށް ވައްދަންޖެހެނީ މަޖިލީހުގެ ރިޔާސަތު އިތުރަށް ތަޣައްޔަރުވިޔަ ނުދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ހަމައެކަނި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން އެއްބަސްވެގެން ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އެކަން ކުރެވޭނީ ޑީއާރްޕީއާ ޖުމްހޫރީ ޕާޓީގެ އިތުރުން އަމިއްލަ މެންބަރުންގެ ތާއީދު ވެސް ލިބިގެން ކަމަށެވެ.
ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަސައްކަތް ފެށުމަށްޓަކައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަށް ވެސް އެކަން ހުށަހަޅާނެ ކަމަށާއި އޭގެ ފަހުން ޑީއާރްޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަމިއްލަ މެންބަރުންނާ ވެސް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝާހިދު ޑީއާރްޕީގައި އުޅުއްވި އިރު އެންމެ ގަދަޔަށް ދެކެވުނު ވާހަކައަކީ އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ޝާހިދާ ދެބޭފުޅުން ޖީއެމްއާރާއި ސިއްރުން މުއާމަލާތްތަކެއް ކުރެއްވިވާހަކަ ކަމަށާއި މިފަހަރު ޑީއާރްޕީން އަމަލު ކުރާ ގޮތަކުން އެވާހަކަތަކަށް ޖަވާބެއް ލިބިގެންދާނެ ކަމަށެވެ.
މަޖިލީހުގެ ރައީސް ޝާހިދު އެމްޑީޕީއަށް ސޮއިކުރައްވާފައި ވަނީ ދާދިފަހުންނެވެ. އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު ޝާހިދު ވަނީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް އަމިއްލަފުޅަށް ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފަ އެވެ.