އިންޑިޔާގެ ޑިފެންސް މިނިސްޓަރު ޝްރީ އޭ ކޭ އެންތަނީގެ ދަޢްވަތަކަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި މިހާރު އިންޑިއާ އިން ރާއްޖޭގައި ބަހައްޓާފައި ހުރި ތިން ރާޑަރު ސިސްޓަމްސްގެ އިތުރަށް ހަތް ރާޑަރު ސިސްޓަމްސް ރާއްޖެ އަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީ އިން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ޑިފެންސް މިނިސްޓަރު ރިޓާޔަޑް ކާނަލް މުހައްމަދު ނާޒިމު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ވަޑައިގަތީ ހޮނިހިރު ދުވަހު ކަމަށާއި ނާޒިމުގެ އިންޑިއާ ދަތުރުފުޅުގައި ސާޗް އެންޑް ރެސްކިޔު އަށާއި އިމަޖެންސީ އިވެކުއޭޝަނަށް ޙާއްޞަކޮށްގެން ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ބޭނުން ކުރާނެ ހެލިކޮޕްޓަރެއް ދެއްވާނެ ކަމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް ވެސް ޑިފެންސުން ބުންޏެވެ.

އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުފަހަރަށް ޚާއްޞަ ބަނދަރެއް ހެދުމުގެ މަސައްކަތަށް އެމްއެންޑީއެފް އިން އިންޑިއާ އަށް ހުށަހަޅާފައިވާ ޕްރޮޕޯސަލަށާއި ޑިފެންސް އެންޑް ނެޝަނަލް ސެކިޔުރިޓީ އަދި އެމްއެންޑީއެފް ކޯސްޓްގާޑް ބިލްޑިންގްގެ ޢިމާރާތް އެޅުމަށްޓަކައި ބޭނުންވާ ފައިސާ ވެސް އިންޑިޔާ ސަރުކާރުގެ އެހީގެ ދަށުން ހަމަޖައްސަވައި ދެއްވާނެ ކަމަށް އިންޑިޔާގެ ޑިފެންސް މިނިސްޓަރު ވިދާޅުވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭގެ ގެއިތުރުން ޅ. މާފިލާފުށީގައި ބިނާކުރާ އެމްއެންޑީއެފް ކޮމްޕޯސިޓް ޓްރޭނިންގް ސެންޓަރުގެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ވެސް އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަމަޖައްސަވައި ދެއްވާނެ ކަމަށ ްވެސް އިންޑިޔާގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ޑިފެންސުން ބުންޏެވެ.