22 Apr 2013, 22:09
އެންފީލްޑް ސްޓޭޑިއަމްގައި އާދިއްތަ ދުވަހުގެރޭ ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު ޕްރިމިއާ ލީގުގެ މެޗުގައި ޗެލްސީގެ ބްރެނިސްލޯ އިވަނޯވިޗްގެ އަތުގައި ދަތްއެޅި މައްސަލައިގާ ލިވަޕޫލުގެ ފޯވަޑް ލުއިސް ސުއަރޭޒް އެކުލަބުން ޖޫރިމަނާކޮށްފި އެވެ.
ލިވަޕޫލާއި ޗެލްސީ 2-2ން އެއްވަރުވި މެޗުގައި އުމުރުން 26 އަހަރުގެ ސުއަރޭޒް އިވަނޯވިޗްގެ އަތުގައި ދަތްއެޅީ ޕެނަލްޓީއޭރިޔާ ތެރޭގައި އެ ދެކުޅުންތެރިންގެ ދެމެދުގައި ހިނގި ކޮންމެވެސްވަރެއްގެ ހަމަނުޖެހުމަކަށްފަހު އެވެ. އެހެން ނަމަވެސް ސުއަރޭޒްވަނީ މެޗު ނިމުމުން އޭނާގެ އެކުއް ގަބޫލުކޮށް އިވަނޯވިޗްގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި އޭނާ ކޮށްފައިވާ ޓްވީޓެއްގައި ލިޔެފައި ވަނީ "އަހަރެން އިވަނޯވިޗަށް ފޯނުކޮށްގެން ގުޅާފައި މައާފަށް އެދިއްޖެއިން. އަދީ އޭނާ އެކަންގަބޫލު ކުރީތީ ޝުކުރުވެރިވަން" ކަމަށެވެ. އަދި އެހެން ޓްވީޓެއްގައި ކުލަބުން އޭނާ ޖޫރިމަނާ ކޮށްފި ކަމަށާއި އަދި ޖޫރިމަނާގެ ގޮތުގައި އޭނާ ދެއްކި ފައިސާ ހިލްސްބަރާ ފެމިލީ ގްރޫޕަށް ހަދިޔާ ކުރުމަށް އެދިފައިވާނޭ ކަމަށް ލިޔެފައިވެ އެވެ.
ސުއަރޭޒްގެ ފުށުން އެފަދަ އަމަލުތައް ފެނުނު މިއީ ފުރަތަމަ ފަހަރެއް ނޫނެ އެވެ. އޭނާ އަޔެކްސް އަށް ކުޅުނުއިރު ޕީއެސްވީ އެއިންދޮވަންގެ މިޑްފީލްޑަރެއްގެ އަތުގައި ދަތްއެޅުމުން އެފަހަރު ހަތްމެޗަށް ސަސްޕެންޑު ކޮށްފައިވެ އެވެ. އަދި ލިވަޕޫލަށް ބަދަލުވިފަހުން މެންޗެސްޓާ ޔުނައިޓެޑްގެ ޕެޓްރިސް އެވްރާއާ ނަސްލީގޮތުން ދިމާކުރުމުގެ ސަބަބުން އަށްމެޗަށް ސަސްޕެންޑުކޮށް 40000 ޕައުންޑުން ޖޫރިމަނާކޮށްފައިވެ އެވެ.
ލިވަޕޫލަށް މިސީޒަންގައި 30 ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން ޕީއެފްއޭގެ ޕްލޭޔާ އޮފްދަ އިޔާއަށް ވާދަކުރާ ހަކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސުއަރޭޒްގެ ފަރާތުން އެފަދަ އަމަލުތަކެއް ތަކުރާރުވެފައި ވީނަމަވެސް ލިވަޕޫލުން ބުނީ އެކުލަބުން އޭނާ ދޫކޮށްލުމުގެ ހިޔާލެއް ނުގެންގުޅޭ ކަމަށެވެ.
ސުއަރޭޒްގެ ބޫޓް ސްޕޮންސާ ކޮށްފައިވާ އެޑިޑާސްއިންވެސް ވަނީ ސުއަރޭޒްގެ އެފަދަ އަހްލާގީ މައްސަލަ ތަކުގައި ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި އެޑިޑާސް އިން ބުނެފައި ވަނީ އެފަދަ ބޭއަދަބީ އަމަލުތައް ތަކުރާރު ނުކުރުމަށް ސުއަރޭޒަށް އަންގާފައިވާނޭ ކަމަށާއި އަދި ލިވަޕޫލުން އޭނާއާ ދޭތެރޭގައި އެމައްސަލައިގައި އަމަލުކޮށްފައިވާގޮތާ މެދު ތާއީދު ކުރާކަމަށެވެ.