22 Apr 2013, 21:58
ގާނޫނީ ވަކީލުންގެ މަސްލަހަތުތުތައް ކުރިއަރުވައި ތަރައްގީ ކުރުމަށާއި ވަކީލުންނަށް ޖުޑިޝަރީގައި ދިމާވާ ކަންކަން ހައްލުކޮށް ލޮބީ ކުރުމަށް މޯލްޑިވްސް ބާ އެސޯސިއޭޝަންގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީކޮށްފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް، މިއަދު ރަޖިސްޓްރީ ހަވާލުކޮށްފައިވާ ޖަމިއްޔާގެ މުއައްސިސުންގެ ގޮތުގައި ތިއްބެވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސޫދާއި ސުއޫދު އެންޑް އަންވަރު ކޯގެ ގާނޫނީ ވަކީލު އިސްމާއީލު ވިޝާމާއި އިކޮނަމިކް މިނިސްޓްރީގެ ކޮމްޕެނީ ރަޖިސްޓްރާ އަލީ ޝުޖާއު އާއި ފަޔާޒު އިސްމާއީލާއި އައިޝަތު ޝީޒާ އެވެ.
ސުއޫދު ވިދާޅުވީ އެ ޖަމިއްޔާ އިން މަސައްކަތް ކުރާނީ ގާނޫނީ ވަކީލުންގެ ތައުލީމީ ފެންވަރު މަތިކޮށް އަދި ޖުމްލަކޮށް ވަކީލުންނަށް ކޯޓްތަކުގައި ދިމާވާ ކަންކަން، މަޝްވަރާކޮށްގެން ހައްލު ކުރުމަށް ކަމަށެވެ.
ލޯ ސޮސައިޓީގެ ނަމުގައި މީގެ ކުރިން ވެސް ވަކީލުންގެ ޖަމިއްޔާއެއް އުފެއްދި އެވެ. ނަމަވެސް އެ ޖަމިއްޔާ މިހާރު ވަނީ އުވިފަ އެވެ.