22 Apr 2013, 18:05
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް)އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ހދ. ހަނިމާދޫގައި ޓޭބަލް ޓެނިސް ކޯޗުން ތަމްރީނުކުރާ ކޯހެއް ބާއްވައިފި އެވެ.
މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހިންގި އެ ކޯހުގައި ހއ. އަތޮޅާއި ހދ. އަތޮޅުގެ ހަ ރަށަކުން 14 ފަރާތަކުން ބައިވެރި ވެފައިވާކަމަށް ކުޅިވަރާބެހޭ ވުޒާރާއިން ވަނީ މައުލޫމާތު ދީފަ އެވެ.
ހއ. އަތޮޅާއި ހދ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އެކޯހުގެ ބައިވެރިންގެ ތެރޭގައި ރަށްރަށުގެ ކައުންސެލަރުންނާއި ސްކޫލްތަކުގެ ސްޕޯޓްސް ސުޕަވައިޒަރުންން ފަދަ ފަރާތްތަކުން ވަނީ ބައިވެރިއެވެފަ އެވެ. ސްރީލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކުޅުތެރިއެއް ކަމަށްވާ ޑިލްމިނީ ޑިރެކްޒޭ ކިޔަވައިދިނުމަށް ކުރިން ހަމަޖެހިފައިވާ އެކޯހުގައި ކިޔަވައިދިނީ ރާއްޖޭގެ ޓޭބަލް ޓެނިސްގެ ކުރީގެ ޗެމްޕިއަން އަދި ކޯޗު އަލީ އާދަމް މަނިކާއި ގައުމީ ޗެމްޕިއަން އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހްމަދު ލަތީފު އެވެ. ޑިލްމިނީއަށް ކޯހުގައި ކިޔަވައިދިނުމަށް ރާއްޖެ ނާދެވުނީ އޭނާގެ ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުންނެވެ.
ކުޅިވަރާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެ ކޯހުގައި މައިގަނޑުގޮތެއްގައި ކިޔަވައި ދެވިފައި ވަނީ، ޓޭބަލް ޓެނިސްގެ އާންމު ގަވާއިދުތަކާއި ކޯޗުންގެ ހުންނަން ޖެހޭ ހުނަރުތަކާއި އަލަށް ފަށައިގަންނަ ފަރާތަކަށް ޓޭބަލް ޓެނިސް ކުޅެން ދަސްކޮށްދޭނޭ ގޮތާއި، ޓޭބަލްޓެނިސްގެ އަމްޕަޔަރުކަން ކުރާނޭގޮތާއި އޭގެ ގަވާއިދު ތަކާއި އަދި ޓޭބަލް ޓެނިސް މުބާރާތެއް ރާވައި ހިންގާނޭ ގޮތްކަމަށެވެ.