22 Apr 2013, 18:03
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގަނެ ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބަނގުރަލުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 44 އަހަރުގެ ދިވެއްސަކާއި 39 އަހަރު ބިދޭސީއެއް ކަމަށެވެ.
އެ ދެ މީހުންގެ ތެރެއިން އުމުރުން 44 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ބަނގުރާ ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު 9:45 ހާއިރު މާޔާ ކްލިނިކް ކައިރިން ހިނގާފައިދަނިކޮށް މާފަންނު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނަށް ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެމީހާ ހައްޔަރުކޮށް ބަލައި ފާސްކުރިކުރި އިރު އޭނާގެ އަތުގައި އޮތް ދަބަހެއްގެ ތެރެއިން ތިން ބަނގުރާ ފުޅި ފެނިފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން އުމުރުން 39 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ އުމުރުން 44 އަހަރުގެ މީހާ ހައްޔަރުކޮށް ސުވާލު ކުރުމުން ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހުޅުމާލޭގެ ފަޅުގައި އޮތް ސަފާރީއަކުން ކަމަށެވެ.
އެ މީހާ ހައްޔަރުކޮށް އެ ސަފާރީ ބަލައިފާސްކުރި އިރު ގާވާއިދާ ޚިލާފަށް ގެންގުޅެމުންދިޔަ 147 ބަނގުރާ ފުޅިއާއި 498 ބިޔަރު ދަޅު ފެނިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.