22 Apr 2013, 17:43
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޮބިން މުޑީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ އަދި އިގްތިޞާދީ ހާލަތާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވަމުން، ރާއްޖޭގެ އިގްތިޞާދު ހަމައަކަށް އެޅެމުން އަންނަ ކަމުގައި ވިޔަސް، މާލީ ގޮތުން އަދިވެސް ގޮންޖެހުންތަކެއް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ، އޮސްޓްރޭލިޔާގެ ސަފީރަށް އެރުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެ އަށް އެކި ގޮތްގޮތުން، ޚާއްޞަކޮށް ތަޢުލީމީ ދާއިރާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކުރެއްވި އެވެ. އެ ގޮތުން، އޮސްޓްރޭލިޔާ ސަރުކާރުގެ އެހީގައި ފައްޓަވާފައިވާ ފުލުހުންގެ ތަމްރީން ޕްރޮގްރާމް ހިންގުމަށް ދެއްވާ އެހީތެރިކަން ފާހަގަކުރެއްވި އެވެ.
އޮސްޓްރޭލިޔާ ސަފީރުގެ ވާހަކަފުޅުގައި އެ ގައުމުގެ ސަރުކާރުން ރާއްޖެ އަށް ދެއްވަމުން ގެންދަވާ ސްކޮލަރޝިޕްތަކުގެ ސަބަބުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާ ކަމުގައި ވިދާޅުވި އެވެ.