22 Apr 2013, 17:13
މަރުކަޒީ ބޭންކް އެމްއެމްއޭއިން ދައުލަތުގެ އެކައުންޓްތައް ފުރީޒް ކުރި ކަމަށް ބުނާ މައްސަލައެއް މާލިއްޔަތު ކޮމެޓީން ބަލަން ނިންމައިފި އެވެ.
މާލިއްޔަތު ކޮމެޓީއިން މިއަދު ބޭއްވި އެކޮމެޓުގެ ބައްދަލުވުމުގައި އެމްއެމްއޭ އިން އެކައުންޓްތަށް ފުރީޒް ކުރި ކަމަށް ބުނާ މައްސަލަ ބެލުމަށް ނިންމާފައި ވަނީ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށައެޅުމުންނެވެ. އެ މައްސަލަ ހުށައަޅަމުން އޭނާ ވިދާޅުވީ އެމްއެމްއޭއިން ދައުލަތުގެ އެކައުންޓްތަށް ފުރީޒް ކޮށްފައިވާ މައްސަލަ މިއަދުން މިއަދުން ބަލަންޖެހޭ ކަމަށެވެ. އަދި އޭނާ ވަނީ ފިނޭންސް މިނިސްޓާ އަބުދުއްﷲ ޖިހާދް އާއި އެމްއެމްއޭގެ ގަވަރުނާ ފަޒީލް ނަޖީބް ކޮމެޓީއަށް ހާޒިރު ކުރުމަށް ހުށަހަޅުއްވައި އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ އޭނާ ތާއީދުކުރަނީ އިގްތިސާދީ ކޮމެޓީ މެމްބަރުންނާއި ދައުލަތުގެ އިގްތިސާދީ ކަންތައްތަކާއި ބެހޭ ފަރާތްތައް އެ ކޮމެޓީއަށް ހާޒިރުކުރުމަށް ފަހު އެންމެންނާއި މަޝްވަރާކޮށްގެން ކަންކަން ނިންމުމަށް ކަމަށެވެ.
އެ ދެ މެމްބަރުން ހުށައެޅި ހުށައެޅުންތަކާ ގުޅިގެން މިއަދު އެ ކޮމެޓިގެ ރިޔާސަތުގައި އިންނެވި އެ ކޮމެޓީގެ ނައިބު މުގައްރިރު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވީ އެ މަސައްކަތް މިއަދު އަމަލީ ގޮތުން ނުކުރެވުނު ނަމަވެސް އެ ހުށައެޅުން ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް އޭނާ ކުރާނެ ކަމަށެވެ.