ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ނޭވާލާ ނިޒާމަށް ފަރުވާ ހޯދަމުން ދަނިކޮށް، "ހިއުމަން ކޮމްޕިއުޓަރު"ގެ ނަންދެވިފައިވާ އިންޑިޔާގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީ މިއަދުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.

ހިސާބު އިލުމުން ހޯދާފައިވާ ކާމިޔާބު ތަކާއި އެ އިލުމުގައި އޭނާއަށް ލިބިފައިވާ އާދަޔާ ހިލާފު ގާބިލް ހުނަރު ތަކުގެ ސަބަބުން ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ހޯދާފައިވާ ޝަކުންތަލާ ނިޔާވިއިރު އޭނާގެ އުމުރަކީ 80 އަހަރެވެ.

ޝަކުންތަލާ ދޭވީ އެޑިޔުކޭޝަނަލް ފައުންޑޭޝަން ޕަބްލިކް ޓްރަސްޓް ޓަރަސްޓީ، ޑީސީ ޝިވަދޭވް ބުނީ ޝަކުންތަލާގެ ނޭވާލާ ނިޒާމަށް ފަރުވާދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އޭނާ ނިޔާވީ އެ ބަލީގައި ފަރުވާދެމުން ދަނިކޮށް ކިޑްނީ އާއި ހިތުގެ ބަލިތައް ވެސް ޖެހިގެން ކަމަށެވެ.

ޝަކުންތަލާ ލިޔެފައިވާ މަޝަހޫރު ފޮތްތަކުގެ ތެރޭގައި "ފަން ވިތު ނަމްބާސް، އެސްޓްރޯލޮޖީ ފޯ ޔޫ، ޕަޒްލްސް ޓު ޕަޒުލް ޔޫ" އަދި "މެތަބްލިޓް"ފަދަ ފޮތްތައް ހިމެނެއެވެ.

ޝަކުންތަލާއަށް "ހިޔުމަން ކޮމްޕިއުޓަރު"ގެ ނަން ދެވިފައި ވަނީ، ހިސާބު "ކަލްކިޔުލޭޝަން"ތައް ހެދުމުގައި އޭނާއަށް ލިބިފައިވާ އާދަޔާ ޚިލާފު މޮޅު ހުނަރުތަކުގެ ސަބަބުންނެވެ. އަދި ހަމަ އެހެންމެ އެންމެ އަވަހަށް ހިސާބުގެ އަދަދުތައް "ހިތުން" އެއްކޮށް، ކަނޑައި، ގުނަކޮށް ގެއްލުމުގެ ހުނަރުލިބިފައިވާ އިންސާނާގެ ގޮތުގައި އޭނާ ވަނީ މަޝްހޫރުވެފަ އެވެ.

ޝަކުންތަލާ އޭނާގެ ހުނަރުތައް އެންމެ ފުރަތަމަ އާންމުކޮށް ދައްކާލާފައި ވަނީ އުމުރުން އެންމެ ހަ އަހަރުގައި މައިސޫރު ޔުނިވާސިޓީގައި އޮތް ހަރަކާތެއްގެ ތެރޭގަ އެވެ. އަދި އޭގެ ދެ އަހަރުފަހުން އަންނާ މަލާއީ ޔުނިވާސިޓީގައި އޮތް މުބާރާތެއްގައި ޝަކުންތަލާ ވަނީ އޭނާއަށް ލިބިފައިވާ އަޖާއިބު ކުރުވަނިވި ހިސާބު އިލްމުގެ ހުނަރުތައް ދައްކުވައި މީހުން ހައިރާން ކުރުވާފަ އެވެ.

ޖޫން 18، 1980 ވަނަ އަހަރު އިނގިރޭސި ވިލާތުގެ އިމްޕީރިއަލް ކޮލެޖުގެ ކޮމްޕިއުޓަރު ޑިޕާޓުމަންޓުގައި "ރެންޑަމްކޮށް" ނެގި 13 އަކުރުގެ ދެ އަދަދެއް "ހިތުން" ގުނަކުރުމަށްފަހު އޭގެ ޖަވާބު ބުނެލުމަށް ޝަކުންތަލާ ބޭނުންވީ އެންމެ 28 ސިކުންތެވެ.