22 Apr 2013, 16:42
އައްޑޫ ސިޓީގެ ގަމުން މާލެ އައުމަށް ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ފްލައިޓެއްގެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ފްލައިޓުން ފަސިންޖަރުން ބޯޓުން ބާލައިފި އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ސަންއަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ މިއަދު މެންދުރު 12:45 ގައި ގަމުން މާލެ އައުމަށް ހަމެޖިފައި އޮތް ފްލައިޓްގެ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ސީދާ ދިމާވި ކޮން ކަހަލަ މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އެ ހާދިސާ ހިނގުމާ އެކު ފްލައިޓްގައި ތިބި ޕަސެންޖަރުން ބޯޓުން ބޭލުމަށްފަހު ބޯޓް ހުސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މައްސަލައެއް އުޅޭކަން ކެޕްޓަނަށް ފާހަގަ ކުރެވިގެން ބޯޓުން މީހުން ބޭލީ، ބޯޓުގެ ކަނާތު އިންޖީނަށް ދިމާވި ކުޑަކުޑަ ޓެކްނިކަލް މައްސަލަައަކާ ގުޅިގެން އެ ހާދިސާ މި ހިނގީ، މިހާރު އެ މައްސަލަ ހައްލުކުރަމުން ދަނީ، އެއީ އާއްމު ކަމެއް، ކުޑަ ވެސް މައްސަލައެއް އުޅޭކަން އެނގިއްޖެނަމަ ބޯޓު ހުސްކުރާނެ، އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ،" ނަޝާތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހާދިސާ ހިނގި ބޯޓުގައި ތިބި މީހުން މާލެ ގެނައުމަށް އިތުރު ފްލައިޓެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މީހުނަށް މިރޭ މާލެ އާދެވޭނެ ކަމަށެވެ.