22 Apr 2013, 15:26
ކުއްލިއްޔަތުލް ދިރާސާތުލް އިސްމާމިއްޔާގެ އިރަށް އޮންނަ ލޮރެންރޯ ޕާކްތެރޭގައި ހުއްޓާ ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، 16، މަރާލި މައްސަލައިގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
މިއަދުގެ ޝަރީއަތް ކެންސަލް ކުރިކަން އެންގުމަށް ޝަރީއަތް ކުރާ ކޮޓަރީގައި ބޭއްވި ބައްދަލުވުމެއްގައި ގާޒީ ވިދާޅުވީ މިއަދުގެ ޝަރީއަތް ކެންސަލް ކުރަން ޖެހުނީ ދައުވާ ލިބޭ ތިން މީހެއްގެ ދިފާއީ ވަކީލު ކޯޓަށް ހާޒިރުނުވުމުން ކަމަށެވެ.
ދައުވާ ލިބޭ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާނު،19، އާއި މއ. ސީނަރީވިޔު އާތިފް ރަޝީދު، 21، ގެ އިތުރުން ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމް،19، ދިފާއީ ވަކީލަކު ހަމަޖެއްސި ނަމަވެސް ދައުވާ ލިބޭ ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފް،25، ބުނެފައި ވަނީ ވަކީލަކު ބޭނުން ނުވާކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ މިއަދުގެ ޝަރީއަތަށް ހާޒިރުވުމަށް އެ މީހުންގެ ދިފާއީ ވަކީލަށް ކޯޓުން އަންގާފައިވާ ކަމަށާއި ނަމަވެސް ވަކީލު ކޯޓަށް ހާޒިރުނުވީ ކަމަށެވެ. އެހެންކަމުން ކޯޓަށް ހާޒިރުނުވާނަމަ ވަކީލާ މެދު ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން އެމީހުންގެ ދިފާއީ ވަކީލަށް ގުޅާލުމުން އޭނާ ވިދާޅުވީ ޝަރީއަތަށް ހާޒިރުވުމަށް ކޯޓަށް އަންގާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާއާ މެދު ފިޔަވަޅު އަޅަން އުޅޭނަމަ ގާޒީގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
ދައުލަތުން އެ މީހުންގެ މައްޗަށް ކުރި ދައުވާގައި ބުނަނީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 އާއި ހެނދުނު 6:30 އާ ދެމެދުގެ ވަގުތެއްގައި ވިސާމާއި މަންސޫރު އަދި ސުފުޔާން ލޮރެންޒޯ ޕާކްތެރެއަށް ވަދެ އަރުހަމާ މެދު މާރާމާރީ ހިންގުމުން އޭނާ މަރުވެފައިވާ ކަމަށެވެ.
މާރާމާރީ ހިންގުމަށް ފަހު އެ ތިން މީހުން އާތިފްއާއި އިތުރު ބަޔަކާ އެކު ސައިކަލްތަކުގައި ގޮސްފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެއެވެ.
އަރުހަމު މަރާލީ އޭނާ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުން ދަނިކޮށެވެ. ގައިގެ އެކިތަންތަނަށް ވަޅިހަރައި އަރުހަމް މަރާލާފައި އޮއްވައި ފެނުނީ ފުލުހުންގެ މީހަކަށެވެ.