22 Apr 2013, 15:22
އެމްޕީއެލް އިން މާލެއިން ހުޅުމާލެއަށާއި ތިލަފުށްޓަށްދޭ ލޭންޑިން ކުރާފްޓްގެ ދަތުރުތަކަށް ތަރުހީބެއް ނުލިބޭ ކަމަށް ޕޯޓްސް ލިމިޓެޑް އިން ބުނެފިއެވެ.
މޯލްޑިވުސް ޕޯޓްސް ލިމިޓެޑްގެ އޮފިޝަލަކު މިއަދު ސަން އޮނަލައިނަށް ވިދާޅުވީ އެ ހިދުމަތް ހުޅުމާލެއަށާއި ތިލަފުށްޓަށް ދޭން ފެށިތާ މަސް ދުވަހެއް ވެފައިވާއިރު މިހާތަނަށްކޮށްފައި ވަނީ ހުޅުމާލެއަށް އެންމެ ދަތުރެއް ކަމަށާއި އެ ދަތުރުގައި ގެންގޮސްފައި ވަނީ އެންމެ ތިން އުޅަނދު ކަމަށެވެ.
"މިހާތަނަށް ދަތުރެއް ނެތިގެން އަޅުގަނޑުމެން ކުރީ އެންމެ ދަތުރެއް އެ ދަތުރުގައި އަޅުގަނޑުމެން ގެންދިޔައިން ތިނެތި، އެދަތުރު ކުރީ ހުޅުމާލެއަށް، އަދި ތިލަފުށްޓަށް އެއްވެސް ދަތުރެއް ނުކުރޭ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާންމުންގެ ތަރުހީބު ހޯދުމަށްޓަކައި އެދަތުރުތަކަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި ތަރުހީބް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ޕޯޓްސް ލިމިޓެޑް އިން ކޮޅުވެއްޓިއެއްގައި މުދާގެންދިއުމުގެ ހިދުމަތް ހުޅުމާލެއަށާއި ތިލަފުއްޓަށް ދެނީ ކޮންމެ ބުރާސްފަތި ދުވަހަކާއި ހޮނިހިރު ދުވަހަކު އެވެ. އަދި އެ ދެ ރަށަށް ވެސް އެ ހިދުމަތްތައް ދެނީ އެއްއަގެއްގަ އެވެ. އެގޮތުން 40 ފޫޓުގެ ކޮންޓެއިނާއެއް ގެންދިގޮސްދިނުމަށް ނިންމާފައި ވަނީ 2544ރ. އަށެވެ. އަދި 20 ފޫޓުގެ ކޮންޓެއިނާއެއް 1272ރ. އަށް ގެންގޮސްދޭ އިރު ހަތަރު ޓަނުގެ ޓުރެކެއް 848ރ. އަށް ގެންގޮސްދޭ އިރު 2.2 ޓަނުން ދަށުގެ ޓުރެކެއް ގެންގޮސްދެނީ 636ރ. އަށެވެ. އަދި ކާރެއް 583ރ. އަށް ގެންގޮސްދޭ އިރު މޮޓޯ ސައިކަލެއް ގެންގޮސްދެނީ 159ރ. އަށެވެ. އަދި ފޯކްލިފްޓެއް 636ރ. އަށް ގެންގޮސްދޭ އިރު ކޮންކުރީޓް މިކްސާގެ ބޮޑު މެޝިނެއް 848ރ. އަށް އަދި އޭގެ ކުޑަ މެޝިނެއް 318ރ. އަށް ގެންގޮސްދެ އެވެ. އަދި އެކްސްޓަވޭޓަރެއް 1060ރ. އަށް ގެންގޮސްދޭ އިރު ކެރޭނެއް ގެންގޮސް ދެނީ 2544ރ. އަށެވެ. އަދި 20 ފޫޓޫގެ ޓުރެއިލާއެއް 1272ރ. އަށް ގެންގޮސްދޭ އިރު 40 ފޫޓުގެ ޓުރެއިލާއެއް ގެންގޮސްދެނީ 2544ރ. އަށެވެ.