22 Apr 2013, 14:58
ބަރުމާގެ މުސްލިމުންގެ ގެތަކުގައި ބުޑިސްޓުން އަލިފާން ރޯކުރާއިރު ބަރުމާ ފުލުހުން އަޅާނުލައި ބަލަހައްޓައިގެން ތިބޭ ވީޑިއޯތަކެއް ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ) އިން ހޯދައިފި އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ބަރުމާގެ މެއިކްޓިލާ ނަމަކަށް ކިޔާ ރަށުގައި މުސްލިމުންނާ ބުޑިސްޓުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ނަގާފައިވާ އެ ވީޑިއޯއަކީ ފުލުހުން ނަގާފައިވާ ވީޑިއޯއެއް ކަމަށް ބީބީސީ ބުންޏެވެ.
ބީބީސީން މިހާރު އާއްމުކޮށްފައިވާ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއެއްގައި ފެންނަނީ މެއިކްޓިލާގައިވާ މުސްލިމުންގެ ރަން ފިހާރަ ލޫޓުވާލުމަށް ފަހު މުސްލިމުންގެ ގެދޮރުގައި ބުޑިސްޓުން ހުޅުޖަހާއިރު އެތާ ދާދި ކައިރީގައި އެ މަންޒަރު ބަލަން ބަރުމާ ފުލުހުން ތިބޭ ތަނެވެ. އަދި މުސްލިމެއްގެގައި އަލިފާންރޯވެ، އޭނާ ދިރިހުއްޓައި އަނދަމުންދާއިރު އޭނާގެ ގައިގާ ރޯވެފައިވާ އަލިފާން ނިއްވާލުމަށް ވެސް އެހީތެރި ނުވެ ފުލުހުން ތިބޭ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.
ފިލަން މަސައްކަތްކުރި މުސްލިމް ޒުވާނަކު ހިފަހައްޓައި، އޭނާގެ ގައިގާ ބަޔަކު ތަޅައި މަރާލާ މަންޒަރު ވެސް އެހެން ވީޑިއޯއަކުން ފެނެ އެވެ. އޭނާގެ ގައިގާ ތަޅަން ތިބި މީހުންގެ ތެރޭގައި ބުޑިސްޓް ހާމުދުރަކު ވެސް ހިމެނެ އެވެ.
އެ ވީޑިއޯ އަކީ މިދިޔަ ދިޔަ މަހު ބުޑިސްޓުން ހިންގި އެ ޖަރީމާތަކުގައި މުސްލިމުންގެ 43 މީހުން މަރާލި ހާދިސާގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ކަމަށް ބީބީސީން ބުންޏެވެ.
ބަރުމާގެ ބައިމަދު މުސްލިމުންނާ މެދު އެ ގައުމުގެ ސަރުކާރުން މިގޮތަށް އަމަލުކޮށްފައިވާކަން ފަޅާއަރާފައި މި ވަނީ އެގައުމާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމީ ގޮތެއްގައި އުވާލުމާ މެދު ގޮތެއް ނިންމަން ތައްޔާރުވެފައި ވަނިކޮށެވެ. ބަރުމާގެ ވެރިކަން ހިންގުމުގެ ނިޒާމަށް ގެނެސްފައިވާ ބަދަލުތައް ބަލައިގަތުމުގެ ގޮތުން އީޔޫއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތީގޮތުން އުވާލާފަ އެވެ.
ބަރުމާ ސަރުކާރުން އެ ގައުމުގެ ބައިމަދު ނަސްލުތަކުގެ މީހުންނާ މެދު އަމަލުކުރަމުންދާ ގޮތާމެދު އުފެދިފައިވާ ކަންބޮޑުވުންތަކާ އެކުގައި ވެސް ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމީ ގޮތެއްގައި އުވާލުމަށް އީޔޫއިން ނިންމާނެ ކަމަށް ބެލެވިފައިވާ ކަމަށް ބީބީސީ ބުންޏެވެ.
ބަރުމާއާ ދެކޮޅަށް އީޔޫއިން ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެ ގައުމުގެ 1000 އަށް ވުރެ ގިނަ ކުންފުނިތަކުގެ ރައުސްމާލު ހިފެހެއްޓުމާއި އެގައުމުގެ ބައެއް އިސްފަރާތްތައް ދަތުރުކުރުން މަނާކުރުމާއި ގިނަ ދާއިރާތަކަކުން ބަރުމާގައި އިންވެސްޓްކުރުން އީޔޫގެ ގައުމުތަކުގެ ކުންފުނިތަކަށް މަނާކުރުން ހިމެނެ އެވެ. މި ފިޔަވަޅުތައް އީޔޫއިން އުވާލި ނަމަވެސް ބަރުމާއަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް އޮތުން އެގޮތުގައި އޮންނާނެ އެވެ.
އިންސާނީ ހައްގުތައް ނަގާލުމުގެ މައްސަލަތައް، ހާއްސަކޮށް މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ މައްސަލަތައް ނުބަލަނީސް ބަރުމާއާ ދެކޮޅަށް ކުރިން އަޅާފައިވާ ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އުވާނުލުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އަންނަނީ ގޮވާލަމުންނެވެ.