އޭއެފްސީކަޕްގެ ގްރޫޕް ސްޓޭޖުގައި ގްރޫޕް ޖީގެ މެޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، މެލޭޝިޔާގެ ކެލަންޓަންއާ ދެކޮޅަށް ނުކުންނައިރު މާޒިޔާގެ ހުރިހާ ވިސްނުމެއް ހުރީ މާދަމާގެ މެޗުން ތިންޕޮއިންޓް ހޯދަންކަމަށް އެޓީމުގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) ބުނެފިއެވެ.

މާދަމާގެ މެޗަށް މާޒިޔާއާއި ކެލަންޓަން ނުކުންނައިރު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާއެކު ކެލަންޓަން އޮތީ ގުރޫޕުގެ އެއްވަނައިގައެވެ. އަދި ހަތަރު މެޗު ކުޅެ އެއްމެޗުން އެއްވަރުވެ އެއްމެޗުން މޮޅުވެގެން ލިބުނު ހަތަރު ޕޮއިންޓާއެކު މާޒިޔާ އޮތީ ތިން ވަނައިގައެވެ.

އިންމަ ބުނީ ގުރޫޕުގައި ހިމެނޭ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނައިރު ކެލަންޓަންގެ ދަނޑުގައި އެޓީމާ އެއްވަރު ކުރި ހަނދާން އެބަހުރިކަމަށާއި އެހެން ކަމުން މާދަމާވެސް މާޒިޔާއިން ނުކުންނާނީ ހަމަ އެރޫހުގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ކެލަންޓަންއަކީ ވަރުގަދަ ޓީމެއްކަން. އަދި އެޓީމާއެކު ކެލަންޓަންގައި ކުޅެގެން ޑްރޯކުރިގޮތްވެސް ހަނދާނެއް ނުނެތޭ. އަދި އެޓީމާ ދެކޮޅަށް އަޅުގަނޑުމެންގެ ކުޅުންތެރިން ކުޅުނުގޮތާއި ކުރިމަސައްކަތްވެސް އަޅުގަނޑު ހަނދާން އެބަހުރި. ހަމަ އެވިސްނުމާއެކު މާދަމާގެ މެޗަށްވެސް މިނުކުންނަނީ. އެކަމަކު އެމެޗުގައި ގެންގުޅުނު ހުރިހާ ޓެކްޓިކްސްއެއް ނޫން ހޯމްގައި ކުޅޭއިރު ގެންގުޅޭނީކީ. އެއަށް ބަދަލުތަކެއް ގެނެވޭނެ. ކޮންމެ ގޮތެއްވިޔަސް މިނުކުންނަނީ މޮޅުވާން،" އިންމަ ބުންޏެވެ.

ކޯޗު ފާހަގަ ކުރިގޮތުގައި ކެލަންޓަންއަކީ ވަރުގަދަ ޓީމަކަށްވުމުން މާޒިޔާއިން އެޓޭކިންއާ އެއްވަރަށް ޑިފެންސާ ދޭތެރޭގައިވެސް ސަމާލުވާން ޖެހެއެވެ. އެހެން ކަމުން މާޒިޔާއިން ބަލާނީ މާދަމާގެ މެޗުގައި ކުރިއަށް ޖެހިގެން ކެލަންޓަން ހިފެހެއްޓުމަށްފަހު ލިބޭ ފުރުސަތުގެ ބޭނުން ހިފައިގެން އިދިކޮޅު ޓީމުގެ ގޯލަށް ހަމަލާދިނުމަށް ކަމަށް މާޒިޔާގެ ކޯޗު ބުންޏެވެ.

މާދަމާގެ މެޗަށް ނުކުންނައިރު މާޒިޔާ މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވިފައިވަނީ މިމަހުގެ ދެވަނަ ދުވަހު މިޔަންމާގެ އަޔެވާދީއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗުންނެވެ. އެ މެޗުން މާޒިޔާ މޮޅުވީ ތިނެއް އެކަކުންނެވެ. އެހެން ނަމަވެސް އެކުލަބު މިމަހުގެ ދިހަވަނަ ދުވަހު މިޔަންމާގައި އެ ޓީމު ކުޅުނު މެޗުގައި އަޔެވާދީވަނީ ތިނެއް ސުމަކުން މާޒިޔާ ބަލިކޮށްފައެވެ. އަދި ގްރޫޕް ސްޓޭޖްގައި މާޒިޔާ ކުޅުނު ދެވަނަ މެޗުން ގަލޮޅުދަނޑުގައި ވިއެޓްނާމްގެ ޑަނަންގު އަތުން އެޓީމުވަނީ ދޭއް ތިނަކުން ބަލިވެފައެވެ. އެމެޗުގައި ޑަނަންގު މޮޅުވި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗު ނިމެން ކުޑަވަގުތު ކޮޅަކަށްވެފައި ވަނިކޮށެވެ.

އިންމަ ބުނީ މާދަމާގެ މެޗަށް ނިކުންނައިރު އޭނާގެ ކުޅުންތެރިންނަށް ކުރީގެ މެޗުގައި ހެދިފައި ހުރި "މިސްޓޭކު"ތައް ރަނގަޅުކުރާނޭ ކަމަށާއި އަދި ހުރިހާ ކުޅުންތެރިންވެސް މާދަމާގެ މެޗަށް ނުކުންނާނީ ފުރިހަމަ އިތުބާރާއެކު 90 މިނިޓު ފަރުވާބަހައްޓައިގެން ކުޅެން ކަމަށެވެ. އަދި މޮޅުވުން ނޫން އެހެންގޮތެއް މާޒިޔާއަށް ނެތްއިރު އެޓީމުގެ ހަމައެކަނި ވިސްނުމަކަށްވާނީ މާދަމާގެ މެޗުން ކޮންމެ ގޮތެއްހަދައިގެން ނަމަވެސް މޮޅުވެ ތިންޕޮއިންޓު ހޯދައިގެ ދަނޑުން ފޭބުން ކަމަށެވެ.

މާޒިޔާއަށް ދެވަނަ ބުރަށް ދިއުމަށްޓަކައި އަމިއްލަބާރު ކުޑަވެފައިވާއިރު އެޓީމު ކުރިއަށް އޮތް ދެމެޗުވެސް ކާމިޔާބުކުރަން މަޖުބޫރުވާނެއެވެ. އަދި ހަމަ އެހެންމެ މާޒިޔާގެ ނަސީބު ކުރިގޮތެއް އެނގޭނީ ހަ ޕޮއިންޓާއެކު ދެވަނައިގައި އޮތް ޑަނަންގު ކުރިއަށް އޮތް ދެމެޗުން ނެރޭ ނަތީޖާއަކުންނެވެ.

ކެލަންޓަންގެ ކޯޗު ބުނީ އޭނާ ދެކޭގޮތުގައި މާޒިޔާއަކީ ވަރުގަދަ ޓީމެއް ކަމަށާއި އެހެންކަމުން މާޒިޔާއާ ދެކޮޅަށް އޭނާގެ ޓީމު ނުކުންނާނީ ކޮންމެ މެޗެއްގައިވެސް މޮޅުވާން ނުކުންނަ އަޒުމުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ކަމަށެވެ. އޭނާ ފާހަގަ ކުރިގޮތުގައި ކޮޓަބަރޫގައި އޭނާގެ ޓީމާދެކޮޅަށް މާޒިޔާ ކުޅުނުފަދަ އޯގަނަޒްޑް މެޗެއް ކުޅެފި ނަމަ މެޗުގެ އޮއިވަރު ހުންނާނީ ދާދި ހަމަހަމަ ކޮށެވެ.

ކެލަންޓަން ޓީމުގެ ބައެއް ކުޅުންތެރިން އަނިޔާގައި ތިބިއިރު ކޯޗު ބުނީ 35 ދުވަހުގެ ތެރޭގައި 11 މެޗު ކުޅެން ޖެހުމުން އޭނާގެ ކުޅުންތެރިންނަށް ވަރުބަލި ވުމުގެ މައްސަލަވެސް ދިމާވެފައި ވާކަމަށާ އެހެން ކަމުން ޓީމުގެ ސީނިއާ ގިނަކުޅުންތެރިން ތަކެއް މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ބަދަލު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.