22 Apr 2013, 14:30
ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ދިގުކުރުމުގެ މަސައްކަތާއި ސީ ޕްލޭންގެ ޓާމިނަލް އަޅާނެ ބިން ހިއްކުމާއި ޓާމިނަލް އަޅާ ބިމުގެ އަައްސޭރި ފަށުގައި ރިވެޓްމެންޓްމަންޓް ޖެހުމުގެ މަސައްކަތް 11.7 މިލިއަން ޑޮލަރަށް(180 މިލިއަން ރުފިޔާ) އަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ. އަދި ދުބާއީގެ ގަލްފް ކޮބްލާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޖޯސްޓް ޕޯސްޓް އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ މިއަދު ސޮއިކުރި ޕްރޮޖެކްޓުގެ ދަށުން، ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ސީ ޕްލޭން ސަރަހައްދު ހިއްކުމުގެ މަސައްކަތާއި ރަންވޭ އަށް އިތުރު ކުރާ ސަރަހައްދު ހިއްކުމުގެ މަސައްކަތުގެ އިތުރުން އައްސޭރިފަށުގެ މަސައްކަތް އަށް މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
"ޑުރެޖިން [ހިއްކުމުގެ] މަސައްކަތަށް ގާތްގަނޑަކަށް މިދަނީ އަށް މަސް. މި ކޮންޓުރެކްޓްގައި ސޮއިކުރެވުމުން ފިޒިކަލީ ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އެކޮޅުގައި މަސައްކަތް ފަށައިގަނެވޭނެ ކަމަށް މިލަފާކުރެވެނީ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތްތައް ނިމުމާ އެކު ގަން އެއާޕޯޓުން ސީ ޕްލޭންގެ ހިދުމަތް ދޭން ފެށޭނެ ކަމަށެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފެށުމަށް އެއާލައިންތަކާ ވާހަކަފުޅު ދައްކަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ގަލްފް ކޮބްލާގެ ޖެނެރަލް މެނޭޖާ ޖޯސްޓް ވިދާޅުވީ އެފަދަ މަސައްކަތެއް ކުރުމަށް އެ ކުންފުންޏަށް ފުރުސަތު ލިބުނީތީ ވަރަށް އުފާކުރާ ކަމަށާއި ވަރަށް އަވަހަށް އެ އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސް އަށް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލާނެ ކަމަށެވެ. އަދި މީގެ ކުރިން ވެސް ރާއްޖޭގައި ހަތަރު ޕްރޮޖެކްޓެއް އެކުންފުނީގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.