ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ދޭ ހިދުމަތްތަކުންނާއި ވިއްކާ ތަކެތީގެ އަގުން ޓެކްސް ނަގަން ފަށާ ތާރީހުން ފެށިގެން ތިން އަހަރުވުމުން ޓެކްސް ދައްކަން ނުޖެހޭނެ ގޮތަށް ޓޫރިޒަމާއި ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާ އުވާލުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި އެވެ.

ޓޫރިޒަމް ގާނޫނުގެ 35 މާއްދާގެ (ހ) އަށް ސަރުކާރުގެ ފަރާތުން އެ އިސްލާހް ހުށަހެޅުއްވީ ވިލިފުށީދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ. އެ އިސްލާހް ހުށަހަޅުއްވަމުން ރިޔާޒް ވިދާޅުވީ އެފަދަ އިސްލާހެއް ހުށަހެޅުއްވީ ބެޑް ޓެކްސް ނެގުން ހުއްޓުވާފައި އޮންނަ އޮތުން ނިމުން ގެނެސް އެ ގާނޫނަށް އިސްލާހް ގެނެސް ދައުލަތަށް ފައިސާ އިތުރުން ކަމަށެވެ. އޭނާ ވިދާޅުވީ އެ އިސްލާހަކީ މި އަހަރުގެ ބަޖެޓަށް ހޯދަން ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން ޓޫރިޒަމް ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހްތަކުގެ ތެރެއިން ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

"މިއަދު ބެޖެޓް ދެކޮޅު ޖެއްސެން އޮތީ ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން. އެނޫން ގޮތަކަށް މިއަދު އެކަން ކުރެވޭކަށް ނެތް،" ރިޔާޒް ވިދާޅުވި އެވެ.

ނަމަވެސް އެ އިސްލާހުގެ ބަހުސް ހިނގަމުންދަނިކޮށް ރިޔާޒް ވިދާޅުވީ ސަރުކާރުގެ ކޯލިޝަނުގެ ތިއްބެވި ފަރާތްތަކުން ވެސް އެ އިސްލާހަށް ތާއިދު ނުކުރައްވާ ކަމަށާއި އެހެން ކަމުން އެ އިސްލާހް އަނބުރާ ގެންދަވާ ކަމަށެވެ. އަދި ރިޔާސަތުން ވެސް ވަނީ އެ ބިލް ހުށަހެޅުއްވި މެންބަރުން އެ ބިލް އަނބުރާ ގެންދަން ބޭންފުޅު ވާތީ އެ ބިލްގެ ބަހުސް ހުއްޓާލާފަ އެވެ.

ރިޔާޒް ހުށަހެޅުއްވި ގިނަ މެންބަރުން ވަނީ ދެކޮޅު ހައްދަވާދަވާފަ އެވެ. އެ އިސްލާހަށް ދެކޮޅަށް ހެއްދެވި މެންބަރުން ވިދާޅުވީ ޓީ ޖީއެސްޓީ ބޮޑު ކުރުމަށް ފަހު ބެޑް ޓެކްސް ގޮތުގައި ނަގަމުންދިޔަ 8 ޑޮލަރު ނުނަގާ ގޮތަށް މަޖިލީހުން ފާސްކޮށްފައި ވަނީކޮށް ސަރުކާރުންގެ ފަރާތުން އަލުން ބެޑް ޓެކްސް ނެގޭނެ ގޮތަކަށް އިސްހާލް ހުށަހެޅުއްވީ މަޖިލީހަށް ގޮންޖަހަން ކަމަށެވެ.