22 Apr 2013, 11:20
ސަރުކާރާއި އާއްމުންގެ ހިއްސާ އޮންނަ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ވަޒީފާތަކަށް ބޭރު މީހުން ގެނައުމަށް އެޖެންޓެއް ހޯދުމުގައި އެސްޓީއޯ އިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށްފައި ވަނީ ވަޒީފާތަކަށް ބޭރު މީހުން ގެންނަން އެޖެންސީއެއް ހޯދުމަށް މިދިޔަ އަހަރުުގެ އޯގަސްޓް މަހުގެ ތެރޭގައި އެސްޓީއޯ އިން އިއުލާންކުރުމަށް ފަހު، ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބުކޮށްފައިވާ ފަރާތް ކަނޑައަޅާފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.
އަދި އެ މައްސަލަ ބަލައި ތަހުގީގުކުރި ކުރުމުގައި އެސްޓީއޯގެ ޕްރޮކިޔޯމަންޓް ޕޮލިސީއާ ހިލާފު ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އަދި މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ އެސްޓީއޯގެ ޓެންޑާ ކޮމިޓީގެ މެމްބަރުންގެ މައްޗަށް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަަމަށް އޭސީސީ އިން ބުނެ އެވެ.
އޭސީސީ އިން ދައުވާކޮށްފައިވާ ފަސް މީހުންނަކީ ގ. ރަސްހުވަނދު، މާލެ، އާއިޝަތު ޝައްފާނާ ރަޝީދާއި މ. ސަލްވާ، މާލެ، އަބްދުﷲ ޖާވިދާއި މއ. ނޫރީގެ، މާލެ، އިބްރާހިމް ޝަރީފު މުހައްމަދާއި މ. ލާލުބާއު، މާލެ، އަހުމަދު ޝަހީރާއި، މ. ޕޮޕީ، މާލެ، އަބްދުﷲ ޝަފީއު މަހުމޫދުގެ މައްޗަށެވެ.
އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ ބީލަން ހުށަހެޅުމަށް ފަހު، އެވަލުއޭޓްކުރުމަށް ކޮމިޓީ އިން ބަލާފައި ވަނީ ބިޑްތަކުގެ އަސްލުގެ ބަދަލުގައި ޕްރޮކިޔޯމަންޓް ޑިޕާޓުމަންޓުން ހަދާފައިވާ އިވަލެލުއޭޝަން ޝީޓަކަށް ކަމަށާއި، އިވަލުއޭޝަން ޝީޓުގައި މާކްސް ދީފައިވާ ގޮތަށް ބަލާއިރު، ތަޖުރިބާއަށް މާކުސް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް މާކްސް ދީފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ރިފަރަންސް ސިޓީތަކަށް މާކްސް ދިނުމުގައި ވަކި ފަރާތަކަށް ފައިދާ ވާނެ ގޮތަށް މާކުސް ދީފައި ވުމާއި ތަޖުރިބާ އަށް މާކްސް ދިނުމުގައި މައްސަލަތަކެއް ހުރި ކަން ފާހަގަކުރެވޭ ކަމަށް އޭސީސީ އިން ބުނެ އެވެ.
އޭސީސީ އިން އިތުރަށް ބުނެފައި ވަނީ މިބީލަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެސްޓީއޯ އިން ބޭއްވި ބައްދަލުވުމުގައި މާކްސް ދޭނެ ކަމަށް ބުނެފައިވާ އުސޫލުތަކުގެ މަތިން މާކުސް ދޭ ނަމަ، މި މަސައްކަތް ހައްގުވާ ފަރާތަކީ މަސައްކަތް ހަވާލުކުރެވުނު ފަރާތް ނޫން ކަމަށެވެ.