22 Apr 2013, 10:53
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރާލި ކަމުގެ ދައުވާއާ ދެކޮޅަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ބުނެވުނީ "ބޯ ގޯސްވެފައި ހުރުމުން" ކަމަށް އެ މައްސަލާގައި ދައުވާ ރައްދުވާ ހ. ލޮބީ ހުސައިން ހުމާމް އަހްމަދު ޝަރީއަތުގައި މިއަދު ބުނެފި އެވެ.
ޑރ. އަފްރާޝީމް މަރާލި ކަމުގެ ތުހުމަތުގައި ހުމާމްގެ މައްޗަށް ކުރާ ދައުވާގެ ދެވަނަ ޝަރީއަތުގައި އޭނާ ބުނީ ވަކީލަކު ހަމަޖައްސަން ބޭނުން ވަނީ އަމިއްލައަށް ކަމަށާއި ކޯޓުން ދޭ މުއްދަތުގައި ވަކީލަކު ހަމަނުޖެހިއްޖެނަމަ ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.
ޝަރީއަތުގެ މަޖިލިސް ގާޒީ ނިންމަވާލެއްވީ ހުމާމަށް އަމިއްލަ ހަރަދުގައި ވަކީލަކު ހަމަޖެއްސުމަށް ދިހަ ދުވަހުގެ ފުރުސަތެއް ދިނުމަށްފަހު އެވެ.
އަފްރާޝީމް އަލީ މަރާލި މައްސަލައިގެ ދައުވާގެ ފުރަތަމަ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ވަކީލަކު ބޭނުންވާ ކަމަށް ހުމާމް ބުނުމުން އޭނާއަށް ވަނީ ދައުލަތުން ވަކީލަކު ހަމަޖައްސާފަ އެވެ. ނަމަވެސް މިއަދުގެ ޝަރީއަތަކަށް އެ ވަކީލު ވަޑައެއް ނުގަންނަވަ އެވެ.
އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ހުމާމްގެ މައްޗަށް އުފުލުމުން އޭނާ ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ. ހުމާމުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި ޑރ. އަފްރާޝީމް ދިރިއުޅުއްވާ ހ. ފުންވިލުގެއަށް އިތުރު ބަޔަކާ އެކު ގޮސް ތޫނު އެއްޗަކުން އޭނާއަށް ހަމަލާދީ މަރާލާފައި ވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ހުމާމު އަފްރާޝީމް މަރާލާފައި ވަނީ ހ. ހިކޯސްޓް އަލީ ޝާނާ ބައިވެރިވެގެން ކަން ތަހުގީގުން އެނގޭ ކަމަށެވެ. އަދި އެ ވަގުތު 18 އަހަރުން ދަށުގެ ކުއްޖަކު އަފްރާޝީމް ދިރިއުޅުއްވާ ގެ ކައިރީގައި ފާރަލަމުންދިޔަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަފްރާޝީމް މަރާލި މައްސަލާގައި ދައުވާ ލިބޭ ދެ ވަނަ ހަސްމު ކަމަށްވާ އަލީ ޝާންގެ ޝަރީއަތް އިއްޔެ ވަނީ ފަށާފަ އެވެ. އިއްޔެ ޝަރީއަތް ނިންމާލާފައި ވަނީ ވަކީލަކު ހަމަޖެއްސުމަށް ޝާންއަށް ފުރުސަތު ދިނުމަށްފަހު އެވެ.