އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް އަންނަ ޖޫން މަހުގެ ތެރޭގައި ފެށުމަށް އެފްއޭއެމް އިން ނިންމައިފި އެވެ.

"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމް އަލީ ސުޒޭން މިއަދު ވިދާޅުވީ ކުރިއަށް އޮތް ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް އެފްއޭއެމް އިން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ތެރޭގައި ކަމަށެވެ. އަދި ޖޫން މަހުގެ ތެރޭގައި ގައުމީ ޓީމްގެ ޖޯޒީބައި ލޯންޗް ކުރުމާއި މުބާރާތުގައި ވާދަކުރުމަށް ޓީމަށް ނަގާ ސްކޮޑް ވެސް އިއުލާން ކުރާނެ ކަމަށް ސުޒޭން ވިދާޅުވި އެވެ.

"މުބާރާތް އޮތީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު. މުބާރާތުގެ ތާވަލެއް އަދި ނުލިބެ. އެކަމަކު މުބާރާތައް ތައްޔާރުވުމަށް ޖޫން މަހުގެ ތެރޭގައި ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ވަނީ ނިންމާފައި،" ސުޒޭން ވިދާޅުވި އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ނޭޕާލްގައި ބާއްވާ ގޮތަށް ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވި ސާފްގެ އެގްޒެކުޓިވް ކޮމެޓީގެ ބައްދަލުވުމަށް ފަހު އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް 1997 ވަނަ އަހަރު ބޭއްވީ ނޭޕާލްގަ އެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލްގައި ރާއްޖެ އަތުން މޮޅުވެ ތަށި އުފުލާލީ އިންޑިއާ އެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ބޭއްވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އަފްގާނިސްތާން ބަލިކޮށް ހޯދީ ހޯދީ ވެސް މުބާރާތުގެ އެންމެ ކާމިޔާބު ގައުމު އިންޑިޔާ އެވެ. ރާއްޖެ ސެމީ ފައިނަލުގައި ކެޓީ ވެސް އިންޑިޔާ އަތުންނެވެ.