އޭއެފްސީ ކަޕްގެ ގްރޫޕް އެފްގައި ހިމެނޭ ހޮންކޮންގެ ސަންހައި ސްޕޯޓްސް ކުލަބާއި ރާއްޖޭގެ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބު އަންނަ ބުދަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗަށް ނިއުރޭޑިއެންޓް ރޭ އިރާކޮޅު ހޮންކޮންގަށް ފުރައިފި އެވެ.

ގްރޫޕް ސްޓޭޖްގައި ބާކީ ދެމެޗު އޮތްއިރު ދެވަނަ ބުރަށް ދިއުމަށްޓަކައި ސަންހައި މެޗުން ޕޮއިންޓެއް ލިބުނަސް ނިއުއަށް ދެވަނަބުރު ޔަގީންވާނެ އެވެ. ފުރަތަމަ ބުރުގެ ފުރަތަމަ ލެގުގައި މިދެޓީމު ރާއްޖޭގައި ކުޅުނު މެޗު އެކެއް ސުމަކުން ކާމިޔާބުކޮށްފައި ވަނީ ނިއު އެވެ. ހޮންކޮންގައި ސަންހައިއާ ދެކޮޅަށް ވެސް ކުޅޭނީ މެޗުން މޮޅުވަން ކަމަށާއި އަދި މިވަގުތު ނިއުރޭޑިއެންޓް އޮތީ ރަނގަޅު މޫޑެއް ކަމުގައި ނިއުގެ ކޯޗް ވެލިޒާ ޕޮޕޯފް ވަނީ ބުނެފަ އެވެ.

ނިއުރޭޑިއެންޓް ހިމެނޭ ގުރޫޕް އެފްގެ ކޮންމެ ޓީމެއް ހަތަރު މެޗު މިހާތަނަށް ކުޅެފައިވާ އިރު 9 ޕޮއިންޓް ފައިދާ އަށް ލަނޑާ އެކު ގުރޫޕްގެ އެއްވަނައިގައި އޮތީ ނިއު އެވެ. އަދި ހަމަ އެއަދަދަށް ޕޮއިންޓު ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ދެވަނައިގައި އޮތީ ބަރުމާގެ ޔަންގޮން ޔުނައިޓެޑެވެ. އަދި މިމަހު 24 ވަނަ ދުވަހު ނިއުއާ ދެކޮޅަށް ނުކުންނަ ހޮންކޮންގުގެ ސަންހައިއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ސަންހައިއަށް ހަތަރު ޕޮއިންޓު ލިބިފައިވީ ނަމަވެސް އަދިވެސް އެކުލަބަށްވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތެއް ނުގެއްލެ އެވެ. ކުރިއަށް އޮތް ދެމެޗުން ނިއު ބަލިވެ ސަންހައި ދެމެޗުން މޮޅުވެއްޖެ ނަމަ އެކުލަބަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދިވެސް އޮންނާނެ އެވެ.

ހުސްވި އަހަރު ނިއުއިން ބޭއްވި ގޯލްޑް ނައިޓްގައި ހުޅުވައިލި ލަކީޑްރޯގައި ބައިވެރިވެގެން އެކުލަބާ އެކު ރާއްޖެ އިން ބޭރަށް ދިއުމުގެ ނަސީބުވެރިއަކަށް ހޮވުނު އެކުލަބުގެ އެކަޑަމީގެ މެންބަރެއްކަމަށްވާ ގ. ސާމިޔާނާ އުތުރުބައި، މުހައްމަދު މާކިން އިބްރާހީމްގެ ފަރާތުން އޭނާގެ ބަދަލުގައި އޭނާގެ އާއިލާގެ މީހަކު ރޭ ނިއުއާއެކު ހޮންކޮންގަށް ގޮސްފައިވެ އެވެ.