އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އާއި މެންޗެސްޓާ ސިޓީ ބައްދަލު ކުރިމެޗު ތިނެއް އެކަކުން ޓޮޓެންހަމް އަތުން ސިޓީ ބަލިވި އިރު ލިވަޕޫލާއި ޗެލްސީ ބައްދަލު ކުރިމެޗު ދޭއް ދޭއްކުންވީ އެއްވަރެވެ.

ވައިޓްހާޓްލޭންގައި ކުޅުނު ފޯރިގަދަ މެޗުގައި ޓޮޓެންހަމް، ސިޓީގެ މައްޗަށް ކާމިޔާބު ހޯދީ ފުރަތަމަ ހާފުގެ ފަސް ވަނަ މިނިޓުގައި ސިޓީގެ ފްރާންސް ތަރި ސާމިރު ނަސްރީ ކާމިޔާބުކޮށްދިން ލަނޑަކުން ސިޓީ ކުރިހޯދާފައިވަނިކޮށް ފަހުހާފުގެ ފަހު 15 މިނިޓު ތެރޭގައި ސިޓީ ކޮޅަށް ތިން ލަނޑު ޖަހައިގެންނެވެ. އެގޮތުން ޓޮޓެންހަމްގެ ފުރަތަމަ ކަނޑު އެކުލަބަށް ކާމިޔާބު ކޮށްދިނީ 75 ވަނަ މިނިޓުގައި ކްލިންޓް ޑެމްސީއެވެ. އަދި ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ޖާމިއަން ޑިފޯ އޭގެ ހަތަރު މިނިޓު ފަހުން ލަނޑެއް ކާމިޔާބު ކޮށްދީފައިވާ އިރު ޓޮޓެންހަމްގެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ 82 ވަނަ މިނިޓުގައި ގެރެތް ބޭލް އެވެ.

ޕްރިމިއާލީގުގައި ރޭ އެންފީލްޑްގައި ލިވަޕޫލާއި ޗެލްސީ ބައްދަލު ކުރިމެޗުގެ 26 ވަނަ މިނިޓުގައި ޗެލްސީގެ އެމްބޯބާ އޮސްކާ ލަނޑެއް ކާމިޔާބު ކޮށްފައި ވަނިކޮށް މެޗުގެ 51 ވަނަ މިނިޓުގައި ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޗެލްސީގެ ކުރީގެ ފޯވަޑް ޑެނީލް ސްޓަރިޖްއެވެ. އޭގެ ހަތްމިނިޓު ފަހުން ޗެލްސީ އަށް ދެވަނަ ފަހަރަށް މެޗުގެ ކުރިހޯދައި ދިނީ އެކުލަބަށް ލިބުނު ޕެނަލްޓީއަކުން އެޑިން ހަޒާޑެވެ. މެޗުގެ އިތުރު ވަގުތުގައި ނަތީޖާ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.

މިނަތީޖާތަކާ އެކު އިނގިރޭސި ލީގު ގާތްގަނޑަކަށް ނިމުމަކަށް އަންނަ އިރު 13 ޕޮއިންޓުގެ ތަފާތަކާއެކު ތާވަލުގެ ކުރީގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. އަދި 68 ޕޮއިންޓާ އެކު ސިޓީ ދެވަނައިގައި އޮތް އިރު 63 ޕޮއިންޓާ އެކު އާސެނަލް އޮތީ ތިންވަނައިގަ އެވެ. 62 ޕޮއިންޓާއެކު ޗެލްސީ ހަތަރުވަނައިގަ އޮތްއިރު ޓޮޓެންހަމް އޮތީ 61 ޕޮއިންޓާއެކު ފަސްވަނައިގަ އެވެ. އަދި ލިވަޕޫލް އޮތީ ތާވަލުގެ ހަތްވަނައިގަ އެވެ.