ދިމިޝްޤު (އެޕްރީލް 22) ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ އެގައުމުގެ ސަރުކާރު ސިފައިން ވެރިރަށް ދިމިޝްޤުގެ ކައިރީގައިވާ އަވަށެއް ހިފައި އެއަވަށުގައި ގަތްލުޢާންމެއް ހިންގައިފި ކަމަށް ސޫރިޔާގެ އިދިކޮޅު އެކްޓިވިސްޓުން ބުނެފި އެވެ.

އެކްޓިވިސްޓުން ބުނީ ދިމިޝްޤުގެ ކައިރީގައިވާ އަވަށެއް ކަމަށްވާ ޖަދީދުލްފަޟްލު އަށް ރައީސް ބައްޝާރުލްއަސަދަށް ވަފާތެރި ސިފައިން ރޭ ވަދެގެންފައި ވަނީ ފަސްދުވަސްވަންދެން ވަރުގަދައަށް ހަނގުރާމަ ކުރުމަށް ފަހު އިދިކޮޅު ހަނގުރާމަވެރިން އެއަވަށް ދޫކޮށް ދިޔުމުން ކަމަށާ އެއަވަށަށް ވަނުމަށް ފަހު ބައްޝާރުގެ ސިފައިން އެ ރަށުން 80 އަށްވުރެ ގިނަ މީހުންމަރައި މީހުންގެ ގެދޮރުގައި ހުޅުޖަހައި އަންދާފައިވާ ކަމަށް އިދިކޮޅު އެކްޓިވިސްޓުން ބުނެ އެވެ. އަދި މަރާފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭކަމަށް އެކްޓިވިސްޓުން ބުނެ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ މުސްތަގިއްލު ޖަމާއަތަކުންވެސް ވަނީ ސަރުކާރު ސިފައިންގެ ހަމަލާތަކެއްގައި ޖަދީދުލްފަޟްލު އަވަށުން 80 މީހަކު މަރުވެފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ. ސޫރިޔާގެ ރަސްމީ ނޫސް އެޖެންސީ (ސާނާ) އިންވަނީ ޖަދީދުލްފަޟްލު އަވަށް "ޓެރަރިސްޓުން"ގެ ކިބައިން މިނިވަންކުރެވުނުކަން ހާމަކޮށްފަ އެވެ. މިއަވަށް މިނިވަންކުރުމަށް ކުރި ހަނގުރާމައިގާ މަރުވެފައި ވަނީ އިދިކޮޅު ހަނގުރާމަވެރިން ކަމަށްވެސް ސާނާ ބުނެ އެވެ.
ސޫރިޔާ ގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ އިދިކޮޅު ހަނގުރާމަވެރިން ހިފާފައިވާ ބައެއް ރަށްތަކާއި އަވަށްތައް ސަރުކާރު ސިފައިން މިހާރު ގެންދަނީ އަލުން އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ވަރަށް ވަރުގަދަ ޢަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. އޮޕަރޭޝަންގައި ސަރުކާރު ސިފައިން ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ އެތައް ސަރަޙައްދެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައި ކަމަށް ޚަބަރުލިބެ އެވެ.

ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ މިހާތަނަށް 75 ހާހަށް ވުރެ ގިނަ މީހުން މަރުވެ ފަސްމިލަޔަނެއްހާ މީހުން ޙާލުގައި ޖެހިފައިވާ ކަމަށް އދ. ން ބުނެ އެވެ. (ނޫސްއެޖެންސީތައް)