ޒަމާންވީ ވެރިކަން ބަދަލުކޮށްލީ ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ބަދަލަކަށް އެދި އެއް ވާނަކަށް ހިފުމުންނެވެ. މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވަތަންއެދޭ ގޮތަށް މުހައްމަދު ނަޝީދު ބައިޔަތު ހިފުމުން ކާމިޔާބު ކުރެއްވީ އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ އަބްދުލްގައްޔޫމްގެ ސަރުކާރާ އިދިކޮޅަށް ބާކީ ތިބި އެހެން ހުރިހާ ޕާޓީތަކަކުން އަރައި ވެރިކަން ބަދަލު ކުރުމަށް ބައިއަތު ހިފައިގެންނެވެ. ނަމަވެސް އެ ޕާޓީތައް މިއަދު އޮތީ ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ތެރެެއިން އަދިވެސް އެންމެ ވަރުފަދަ އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީ އެވެ. އެ ޕާޓީގެ ހަރަކާތްތަކާ ކެމްޕޭންތަކުގެ އިތުރުން އެންމެ ފަހުން އެމްޑީޕީން "އާ ބާރެއް" މި ނަމުގައި ބޭއްވި އެ ޕާޓީގެ އެއްވުމުގައި ވެސް ޕާޓީގެ ބާރު ދައްކުވައިދިނެވެ. ރައީސް ނަޝީދުގެ ވެރިކަން ފެބްރުއަރީ ހަތް ވަނަ ދުވަހު ވެއްޓިގެން ދިޔަ ހިސާބުން ފެށިގެން އެމްޑީޕީން މެދުނުކުނޑި ވެރިކަމަށް އައުމަށް ކުރަމުން ގެންދިޔަ މަސައްކަތްތަކުގެ ނަތީޖާ އެމްޑީޕީގެ މެމްބަރުންގެ ސައިޒުން އެކަނި ވެސް ދައްކުވައިދޭ ކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

"ދިވެހި ރާއްޖޭގެ ރައްޔިތުންގެ އުއްމީދުތައް އެއްބުރުން ލިބިދާނެތޯއޭ، އެއީ މިއަދު ދިވެހި ރައްޔިތުންގެ ސުވާލަކީ، މިރޭ މިތަނުން މިފެންނަ މަންޒަރަކީ އެއްބުރުން ދިވެހި ރައްޔިތުންގެ ޑިމޮކުރަޓިކް ޕާޓީއިން އެ އިންތިހާބް ކާމިޔާބް ކުރާނެކަން،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެކު ވާދަކުރަން ނުކުންނަ އެހެން ޕާޓީތަކަކީ ސައިޒުގެ ގޮތުންނާއި ބާރުގެ ގޮތުން ނިކަމެތި ޕާޓީތަކަކަށް ވެއްޖެ ނަމަަ ނިކަން ފަސޭހައިން އެމްޑީޕީއަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ގެންދެވޭނެ ކަމަށް ވެސް ބެލެވެ އެވެ. ނަމަވެސް އަދިވެސް ފެންނަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދެވަނަ އަށް އޮތް އެންމެ ބޮޑު ޕާޓީ ޕީޕީއެމް އެކަނި މައިދާނަނަށް ނުކުމެ ވަރުގަދަ ގާފިލާއެއް ބަލިކުރުމުގެ ވިސްނުން ގެންގުޅޭ މަންޒަރެވެ. ޕީޕީއެމުން ރިޔާސީ އިންތިހާބަށް ނުކުންނާނީ އެކަނިތޯ ނުވަތަ ކޯލިޝަނެއްގެ ތެރެއިންތޯ އާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެމްޑީޕީން ރިޔާސީ އިންތިހާބްގެ ކެމްޕޭން ފެށި ހިސާބުން ފެށިގެން ބުނަމުން ގެންދަނީ އެއް ބުރުން އެ ޕާޓީން ރިޔާސީ އިންތިހާބް ގެންދާނެ ކަމަށެވެ. އަދި އެވާހަކަތައް އެމްޑީގެ ލީޑަރު ރައީސް ނަޝީދުގެ އިތުރުން އެ ޕާޓީން އިސް ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެމްޑީޕީ އަށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ލިބިފައި ވަނީ 25 އިންސައްތަ ވޯޓެވެ. ދެވަނަ ބުރުން އެމްޑީޕީ އަށް ކާމިޔާބު ލިބުނީ އެ ޕާޓީއާ އެކު ވަތަން އެދޭ ގޮތަށް ކޯލިޝަން ހެދި ޕާޓީތަކުގެ ތާއީދާ އެކުގަ އެވެ. ނަމަވެސް މިއަދު އެޕާޓީތައް އޮތީ ރައީސް ވަހީދުގެ ސަރުކާރަށް ތާއިދުކޮށްގެންނެވެ. މިއީ ވެސް ފުރަަތަމަ ބުރު ގެންދާނީ ކޮން ބައެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެެވެ.

ވިލިފާމަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިހާބްގެ އެއް ބުރުން އެމްޑީޕީން ނުކުމެ ކާމިޔާބު ކުރާނެ ކަމަށް ބުނި ނަމަަވެސް އެކަން އެގޮތަށް ވެގެން ނުދާނެ ކަމަށާއި ޕާޓީގެ ހަރަކާތަކުން އެމްޑީޕީއަށް ޕާޓީގެ ސައިޒު ދެއްކުނު ނަމަވެސް އިންތިހާބްގެ ނަތީޖާ ނެެރެވުނީ ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފުޅާ ކޯލިޝަނެއްގެ ތެރެއިން ނުކުތުން އެއީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައިވާނަމަ ޕީޕީއެމުން ވެސް އެގޮތް އިހުތިޔާު ކުރާނެ ކަމުގައި ވެސް ނިހާން ވިދާޅުވި އެވެ.

"ޕީޕީއެމްް ވެސް އެހެން އެންމެންނަށް ވެސް އެންމެ މުހިންމު ވާނީ ގައުމު އަޅުވެތިކޮށްގެން އުޅުނު އެމްޑީޕީ ކައިރިން ގައުމު ސަލާމަތް ކުރުން، އެހެންވެ ފުޅާ ކޯލިޝަނަކީ އެކަމުގެ ހައްލު ކަމުގައި ވާނަމަ އެކަން އެގޮތަށް ނިންމާނީ ޕާޓީން،" ނިހާން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބްގެ ފުޅާ ކޯލިޝަނެއް އެކުލަވާލައި އެކޯލިޝަންގެ ތެރެއިން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ހިމެނޭ ބައެއް ޕާޓީތަކުން ގެންދަނީ ކުރަމުންނެވެ. އެ ކޯލިޝަންގައި ޖުމްހޫރީ ޕާޓީ އާއި ރައީސް ވަހީދު ހިމެނިވަޑައިގެންނަވާ ގައުމީ އިއްތިހާދު ޕާޓީ އާއި ގައުމީ ޕާޓީ އަދި އުމަރު ނަސީރު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

"ފުޅާ ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިހާބް ގެނެވޭނެ، އަޅުގަނޑުމެން މި ބަލަނީ އެމްޑީޕީ ނޫން ހުރިހާ ޕާޓީތައް ހިމެނޭ ގައުމީ އެއްބައިވަންތަކަމުގެ ކޯލިޝަނެއް އުފެއްދޭތޯ،" ފުޅާ ކޯލިޝަނެއް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވަމުން ގެންދަވާ އުމަރު ނަސީރު ވިދާޅުވި އެވެ.

އުމަރު ނަސީރު ވިދާޅުވީ ފުޅާ ކޯލިޝަން ހެދުމުގެ ވިސްނުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވާ ގޮތުގައި ކޯލިޝަން ހެދުމާ ބެހޭ ގޮތުން ރައީސް ވަހީދުގެ އިތުރުން ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އާ ވެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ކޮންމެ ބަޔަކާ އެކު މަޝްވަރާ ކުރުމަށް ވެސް ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ސަރުކާރަށް ތާއީދު ކުރާާ ގިނަ ޕާޓީތަކުގެ ވިސްނުން މިހާރު ވެސް ހުރީ ރައީސް ވަހީދުގެ ވެރިކަމެއް އަނެއްކާ ވެސް ގެނައުމަށެވެ. ނަމަވެސް އެކަމާ މެދު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިހާބް ކާމިޔާބު ކުރެވޭނީ ވަރުގަދަ ކޯލިޝަނެއް ހަދައިގެން ކަމަށާއި މިހާރު ވެސް ކޯލިޝަން ހެދުން މާ ލަސްވެއްޖެ އެވެ. އަދި ފުޅާ ކޯލިޝަނަކުން ނެރޭނީ ކޮން ބޭފުޅެއްތޯ މިއީ އަދިވެސް ގިނަ ޕާޓީތަކުގެ މެދު ބަހުސްކުރެވެމުންދާ އެއް މައްސަލަ އެވެ. ރިޔާސީ އިންތިހާބްގައި ކޯލިޝަނެއްގެ ތެރެއިން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެކަމާ މެދު ދުރާލާ ކޯލިޝަންގެ ތެރޭގައި މަޝްވަރާ ކުރަން މިހާރު ވެސް ލަސްވެއްޖެ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ. ނަމަވެސް އަދި އެއީ ނުކުރެވޭނެ ކަމެއް ކަމަށް ނިންމަން ނުޖެހޭ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. އެމްޑީޕީން އެއްބުރުން އިންތިހާބު ކާމިޔާބު ކުރާ ވާހަކަ ދައްކަނީ އެ ޕާޓީގެ ތިން އަހަރުގެ ވެރިކަމުގައި ކަން ކޮށްފައި ހުރި ގޮތުން އެ ޕާޓީއާ އެކު ކޯލިޝަން ހަދާނެ ބަޔަކު ނެތުމުން ދައްކާ ވާހަކައެއް ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.