22 Apr 2013, 09:19
ޓެލްއަވީވު (އެޕްރީލް 22): އިސްރާއީލުގެ އިތުރުން އީރާނާ އިދިކޮޅު ގަލްފުގެ ޢަރަބި ދެގައުމަކަށް ޒަމާނީ ހަތިޔާރު ވިއްކުމަށް އެމެރިކާ ނިންމި ނިންމުމަކީ އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެގައުމާ ދެކޮޅަށް ޢަސްކަރީ ބާރުގެ ބޭނުންކުރުމުގެ ވިސްނުން އެމެރިކާ އަދިވެސް ދޫކޮށްނުލާކަމުގެ މެސެޖް އީރާނަށް ދިނުން ކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހޭގްލް އިސްރާއީލަށް އިއްޔެ ވަޑައިގެން ދެއްވި ބަޔާނެއްގައި ވިދާޅުވީ އީރާނުގެ ނިއުކްލިޔާ މައްސަލައިގާ އެންމެ ފަހުގެ ޙައްލެއްގޮތުން އެގައުމާ ދެކޮޅަށް ޢަސްކަރީ ބާރުގެ ބޭނުންކުރުމުގެ ވިސްނުން އެމެރިކާ އަދިވެސް ދޫކޮށްނުލާ ކަމުގަ އެވެ. އިސްރާއީލަށާއި ގަލްފުގެ ޢަރަބި ދެގައުމެއް ކަމަށްވާ ސަޢޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އަށް ޒަމާނީ ހަތިޔާރު ވިއްކުމަށް އެމެރިކާ ނިންމި ނިންމުމަކީ މިކަމުގެ ހެއްކެތް ކަމަށް ހެގްލް ވިދާޅުވި އެވެ. މީގެ ދެ ދުވަސްކުރިން އެމެރިކާ ވަނީ ދިހަ ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު މިތިން ގައުމަށް ވިއްކަން ގަސްދުކުރާކަމާއި މިކަމާ ބެހޭ އެއްބަސްވުންތަކުގައި މިތިން ގައުމާ އެކު ވަރަށް އަވަހަށް ސޮއިކުރާނެކަން އިޢްލާންކޮށްފަ އެވެ.
އިސްރާއީލަކީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭންޖެހިދާނެ ކަމުގެ އިންޒާރުތައް ދެމުން ގެންދާ ހަރުކަށި ގައުމެކެވެ. އަދި އިސްރާއީލަކީ ފަލަސްތީނުގެ ހުރިހާ ބިންތަކެއް ގަދަބާރުން ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް އދ. އަށް ގޮންޖަހައި އަވަށްޓެރި ޢަރަބި ގައުމުތަކަށް އިސްވެ ޙަމަލާދީ ޢުދުވާން ހިންގަމުން ގެންދާ އިސްތިއުމާރީ ޚިޔާލުގެ ގައުމެއްވެސްމެ އެވެ. މީގެ އިތުރުން އިސްރާއީލަކީ ނިއުކްލިޔާ ހަތިޔާރު ސިއްރުން އުފައްދައި އެއިން ޢަރަބި އިސްލާމީ ގައުމުތަކަށް ބިރުދައްކައި ޢަރަބި އަދި އިސްލާމީ ގައުމުތަކުގެ ނިއުކްލިޔާ ޕްރޮގްރާމްތަކަށް ޙަމަލާދީ އެތަންތަން ހަލާކުކޮށްލުމަށް އިސްވެ ޙަމަލާދީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ގޮންޖަހަމުން ގެންދާ ގައުމެއްވެސްމެ އެވެ.
އިސްރާއީލުން ވަނީ 1981 ވަނަ އަހަރު ޢިރާޤުގެ ނިއުކްލިޔާ އެންމެބޮޑު ރިއެކްޓަރަށް ވައިގެމަގުން ޙަމަލާދީފަ އެވެ. އަދި 2007 ވަނަ އަހަރު އިސްރާއީލުން ސޫރިޔާގެ ނިއުކްލިޔާ މަރުކަޒަކަށް ޙަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިސްރާއީލުން ދެމުންގެންދާ އިރު ޕާކިސްތާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް ވެސް 1990ގެ އަހަރުތަކުގައި އިސްރާއީލުން ރާވާފައިވާ ކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ.
ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އަކީ ވެސް އީރާނާ ގުޅުންތައް ގޯސްވެފައިވުމުގެ އިތުރުން އެމެރިކާގެ ނުފޫޒުގެ ދާއިރާގައި ހިމެނޭ ދެގައުމެވެ. މިތިން ގައުމުގެ ތެރޭން އެމެރިކާ އިސްރާއީލަށް ވިއްކާ ހަތިޔާރުތަކުގެ ތެރޭގައި ވައިގެތެރޭގައި ޢަސްކަރީ ފައިޓާ ޖެޓަށް ފިއުލްއެޅޭ ބާވަތުގެ މަތިންދާބޯޓު ހިމެނެ އެވެ. ސައޫދީ އަރަބިޔާއަށާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އަށް އެމެރިކާ ވިއްކާ ހަތިޔާރުތަކުގެ ތެރޭގައި ޢަސްކަރީ އެފް 16ގެ މަރުކާގެ ޢަސްކަރީ ފައިޓާ ޖެޓާއި ޢަސްކަރީ މަތިންދާބޯޓުތައް ވައްޓާލުމަށް ބޭނުންކުރާ މިސައިލުގެ އިތުރުން ހަތިޔާރާއި ޢަސްކަރީ ކާގޯ އުފުލާ މަތިންދާބޯޓުތައް ހިމެނެ އެވެ. (ނޫސްއެޖެންސީތައް)