ދީނެއް ޤަބޫލުކޮށް އެދީނަށް ތަބާވުމާއި، އެދީނެއްގެ ނަބިއްޔާއާ މެދު ހިތުގައި އޮންނަ ލޯތްބާއި ޙުރުމަތުގެ ޝުޢޫރުގެ މަސްއަލައަކީ އިންސާނެއްގެ ހަޔާތުގައި އޮންނަ އެންމެ ޖަޒްބާތީ އަދި އެންމެ ޙައްސާސީ މައްސަލައެވެ. ޙަޤީޤީ ދީންވެރިން ކަމުގައި ވާނަމައެވެ. އަޅުގަނޑުމެން ދިވެހިންނަކީ ވެސް މުސްލިމުންގެ ޙައިޘިއްޔަތުން މިދެންނެވި ޝުއޫރު ހިތުގައި އުތުރި އަރަން ޖެހޭނެ ބައެކެވެ.

އަޅުގަނޑުމެން މުސްލިމުންކަމުގައި ވާނީ އިސްލާމްދީނުގެ ނަބިއްޔާ ދެކެ އިންތިހާއަށް ލޯބިވެގެންނެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި، މައިންބަފައިންނާއި، އަނބިދަރިންނާއި، މިފަދަ ހުރިހާ ފަރާތްތަކަށްވުރެން ވެސް ބޮޑަށް އިސްލާމްދީނުގެ ނަބިއްޔާދެކެ ލޯބިވެގެންނެވެ. އެލޯބި ލާޒިމުކުރަނީ އެމާތް ނަބިއްޔާ އަށް ފުރައްސާރަ ކުރާ ފަރާތް ތަކަށާއި، އެފަރާތްތައް ހިމާޔަތްކުރާ ފަރާތްތަކަށާއި، އެފަދަ މީހުންގެ ފަރާތުން މަދަދާއި އެހީތެރިކަން ހޯދާ ފަރާތްތަކާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި، ޣީރަތްތެރިކަމުގެ ޝުއޫރެއް އޮތުމެވެ.

ޒަޔަނިސްޓް ޔަހޫދީންނާއި، ތައައްސުބުން ފުރިފައިތިބޭ ކްރިސްޓިޔަނުން ނަކީ އިސްލާމީ އުއްމަތުގެ އެންމެ ބޮޑެތި ޢަދުއްވުންނެވެ. އިސްލާމްދީނުގެ ނަބިއްޔާގެ އެންމެ ފާޅުކަން ބޮޑު ހަތުރުންނެވެ. އެފަދަ ފަރާތްތަކުން އިސްލާމްދީނަށް ފުރައްސާރަކުރުމާއި، އިސްލާމްދީނުގެ ނަބިއްޔާގެ އަބުރުފުޅަށް އަރައިގަތުމަކީ ފެށުނީއްސުރެ ވަރަށް ރޭވުންތެރިކަމާ އެކު ހިންގަމުން އަންނަ މަސައްކަތެކެވެ. ޔޫރަޕްގައި އިސްލާމްދީން ފެތުރުން ހުއްޓުވުމަށާއި، މުސްލިމުންގެ ޒުވާންޖީލުގެ ހިތްތަކުގައި ދީނާމެދު ޝައްކު އުފެއްދުމަށްޓަކައެވެ. އެފަރާތްތަކުން މިރޮނގުން ކުރާ މަސައްކަތްތަކުގެ ތެރޭގައި އިސްލާމްދީނުގެ ނަބިއްޔާއަށް ފުރައްސާރަކޮށް ކާޓޫނު ކުރެހުމާއި، ފިލްމް އުފެއްދުމާއި، ފޮތްތައް ޝާއިއުކުރުން ހިމެނެއެވެ.

މިނުބައި މަސައްކަތުގައި އެންމެ ކުރިޔަށް އޮތް އެއްޤައުމަކީ ޑެންމާކެވެ. ޑެންމާކުގެ ހައްދުފަހަނަޅައިފައިވާ ފަރާތްތަކުން އިސްލާމްދީނުގެ ނަބިއްޔާއަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހަރަކާތްތައް ހިންގަނީ އެތާނގެ ސަރުކާރާއި، ޕާލިމެންޓުން އެބައިމީހުނގެ ބުރަކަށި ހިމާޔަތްކޮށްދީގެންނެވެ. އެހެންކަމުން ދީންދެކެ ލޯބިވާ ކޮންމެ މުސްލިމަކު މިކަމާ މެދު ސަމާލުވާން ޖެހެއެވެ.

އިސްލާމްދީނުގެ އަދުއްވުން އިސްލާމީ ޤައުމުތަކުގައި، އިސްލާމްދީނާ އިދިކޮޅު ހަރަކާތްތައް ހިންގަނީ މުސްލިމުންގެ ނަމުގައި ތިބޭ އެޖެންޓުން މެދުވެރިކޮށެވެ. އެހެންކަމުން ޔަހޫދީ ދައުލަތަކުން ނުވަތަ ކްރިސްޓިޔަނު ޤައުމަކުން އިސްލާޟީ ޤައުމެއްގެ ދާޚިލިއްޔަތާ ބެހި ވަކި މީހަކަށް ބާރުހޯދައިދޭން މަސައްކަތް ކުރާނަމަ އެމީހަކާ މެދު ވަރަށްބޮޑަށް ފަރުވާތެރިވާން ޖެހެއެވެ. އެކަމުގައި ފޮރުވިފައި އޮންނާނެ މަޤްޞަދާ މެދު ސަމާލުވާން ޖެހެއެވެ.

މުސްލިމުންގެ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ޔަހޫދީންނާއި، ނަސާރާއިންގެ ކިބައިން ބާރާއި ހިމާޔަތް ހޯދުމަކީ އިސްލާމުދީނުގެ ނައްސުތަކާ ޚިލާފުކަމެކެވެ. އެހެންކަމުން އެފަދަ އެހީ އާއި ބާރުހޯދާ ފަރާތްތަކާއި މެދު ހޭލާތިބުން ލާޒިމެވެ. ޑެންމާކު ފަދަ ޤައުމުތަކުގެ އެޖެންޓުންނާ މެދު އަޅުގަނޑުމެން ދުރާލައި ސަމާލު ނުވެއްޖެ ނަމަ އަޅުގަނޑުމެންނަށް ހޭލެވޭއިރު އޮންނާނީ ވަގުތު ފާއިތުވެފަ އެވެ. އެއީ މުސްލިމުންގެ ފަރާސަތާ ދުރުވިސްނުމާ އަރާއަރަފޯދޭ ކަމަކަށެއް ނުވާނެއެވެ.